ދިވެހިންގެ ރާއްޖެ ޔަގީންކުރުމަށް ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބުކުރަން ޖެހޭ ކަމަށާއި ޒާތީ ވިސްނުން ދޫކޮށް ގައުމީ ވިސްނުން އިސްކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އުތުރުގެ ރަށްތަކަށް ރައީސް މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ. ނެއްލައިދުއަށް ވަޑައިގެން، މިއަދު ހަވީރު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ ކިބައިން ފުރިހަމަ އެއްބާރުލުމެއް އަދިވެސް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި މަޖިލިސް އިންތިހާބުގައި ވެސް ރިޔާސީ އިންތިހާބެކޭ އެއްގޮތަށް ތާއީދުދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ގައުމު ދެކެ ލޯބިވާ ރައްޔިތުން. އަދި އަޅުގަނޑުމެން މި ފެށި މަސައްކަތް، ދިވެހިންގެ ރާއްޖެއަށް އެއްކޮށް ގެންގޮސް، ދިވެހިންގެ ރާއްޖެ ޔަގީންކުރުމަށްޓަކައި މި ފެށި މަސައްކަތުގައި އަދި އެއް މަރުހަލާ މިއޮތީ، ރައްޔިތުންގެ މަޖިލިސް. އެހެންވީމާ ދިވެހިންގެ ރާއްޖެ ހޯދުމަށްޓަކައި ރިޔާސީ އިންތިހާބުގައި ތިބޭފުޅުން ގޮތް ނިންމެވި، ދިވެހިން ރާއްޖެ މަޖިލީހަށް އެބަ ދާން ޖެހޭ. ދިވެހިންގެ ރާއްޖެ މަޖިލީހަށް ގޮސްގެން، މަޖިލިސް ކާމިޔާބުކޮށް ދިވެހިންގެ ރާއްޖެ ޔަގީންވާނީ މި ދެންނެވި ސަބަބުތަކަށްޓަކައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ރައްޔިތުން ރިސްކެއް ނަގައިގެން ނުވާނެ ކަމަށާއި ޒާތީ މަސްލަހަތު އިސްކޮށް، ގައުމީ އަދި ތަރައްގީގެ ވިސްނުން ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. އަދި ޒާތީ މަސްލަހަތު ދޫކޮށް، ތިމާގެ އާއިލާ އާއި ރަށާއި މުޅި ގައުމަށް ފައިދާހުރި ނިންމުން ނިންމަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ގައުމީ ވިސްނުމެއްގައި، ތަރައްގީ ހާސިލުކުރުމަށްޓަކައި މި ކުރެވޭ މަސައްކަތްތަކުގައި ތިމަންނާއަށް ވެސް ފައިދާހުރި ގޮތަކީ ތިމަންނާގެ އާއިލާއަށް ވެސް، ތިމަންނަގެ ރަށަށް ވެސް އަދި މުޅި ގައުމަށް ވެސް ފައިދާހުރި ގޮތަކީ ސަރުކާރުން މިކުރާ މަސައްކަތުގައި އެއް ވިސްނުމެއްގައި އެއްބާރުލުން ދޭނެ ބޭފުޅުން މަޖިލީހަށް ހޮވުންކަން ގަބޫލުކޮށް މަސައްކަތްކޮށްދެއްވާ. އެގޮތަށް މި އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނިންމެވުން އަޅުގަނޑު ގަބޫލުކުރާގޮތުގައި އެންމެ ވިސްނުންތެރި ގޮތަކަށްވާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު މުހިންމުވަނީ މިހާރު ކަންކަން ހިނގަމުންދާ ގޮތުން ކަމަށާއި މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި މިހާރު އޮތް މަޖިލީހުން އަމަލުކުރަމުންދިޔައީ އެއްވެސް އަސާސެއް ނެތް ގޮތަށް ކަމަށެވެ.