ގިނަ ކައުންސިލުތަކުގެ އިމާރާތްތައް ބާވުމުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް ގިނަ ދަތިތައް ކުރިމަތިވެފައިވާ ކަމަށާއި ވޭތުވެދިޔަ 13 އަހަރު ކައުންސިލުތަކުގެ އުމްރާނީ ތަރައްގީއަށް ސަރުކާރުތަކުން ސަމާލުކަން ދީފައިނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ދެއްވި ހިތޯބުގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު އެއް ކަމަކީ މުވައްޒަފުންނަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ ހޯދައިދިނުން ކަމަށާއި ލިބެންހުރި ފުރުސަތުތައް ބޭނުންކޮށްގެން މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ މަސައްކަތް އިތުރުކުރަންޖެހޭ ކަމަށެވެ. އަދި މުވައްޒަފުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާ އާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ކައުންސިލުތަކަށް ގާނޫނީ ގޮތުން ގިނަ ޒިންމާތަކެއް ހަވާލުކުރެވިފައިވީ ނަމަވެސް ރާއްޖޭގެ ގިނަ ކައުންސިލުތަކުގެ އިމާރާތްތަކަކީ ގިނަ ދުވަސްވެފައިވާ ބާ އިމާރާތްތަކެއް ކަމުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް ގިނަ ދަތިތައް ކައުންސިލުތަކަށް ވަނީ ކުރިމަތިވެފައި. ގިނަ ކައުންސިލުތަކުގައި މަސައްކަތް ކުރާނެ ޖާގައެއް ނެތް. ވޭތުވެދިޔަ 13 އަހަރު ކައުންސިލުތަކުގެ އުމްރާނީ ތަރައްގީއަށް ސަމާލުކަން ދެވިފައެއް ނުވޭ،" ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ކައުންސިލުތަކުގެ އިމާރާތްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން، އިންވެސްޓާ ފައިނޭންސްގެ އުސޫލުން ކައުންސިލު އިދާރާތަކުގެ އުމްރާނީ ތަރައްގީއަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ގަސްދުކުރާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިނގާކަން ކަށަވަރުކޮށް، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކައުންސިލުތަކަށް ގާނޫނުން ލިބިދީފައިވާ ބަރާއި އިހުތިޔާރު އޭގެ އެންމެ ފުރިހަމަ މާނާގައި ތަންފީޒުވާކަން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އެކަމަށް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލޯކަލް ކައުންސިލުތަކުގެ އެންމެ މުހިންމު އެއް ދައުރަކީ ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ސަރުކާރުގެ އިދާރާތަކާ ގުޅިގެން، ހަމަހަމަކަމާއެކު ރައްޔިތުން އެދޭގޮތަށް ބައްޓަންކުރުމަށް މަސައްކަތް ކުރުން ކަމަށާއި އެގޮތަށް ކައުންސިލުތަކުގެ ހިންގުން ބައްޓަން ކުރެވޭނީ ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން އިތުރުކޮށްގެން ކަމަށެވެ. އަދި ކައުންސިލުގެ ނިންމުންތަކާއި މަސައްކަތްތައް ތަންފީޒުކުރެވެމުންދާ ގޮތުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކޮށް، ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ލާމަރުކަޒީ ނިޒާމު ހިންގުމުގައި ރައްޔިތުންނާއި ކައުންސިލުތަކާއި ސަރުކާރާ ގުޅުވައިދީ، އަދި ކައުންސިލުތަކާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް ސަރުކާރުގެ ތެރެއިން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިދީ، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ވަކި މިނިސްޓްރީއެއް އަޅުގަނޑު ވާނީ އުފައްދާފައި. އެ މިނިސްޓްރީ އުފެއްދުމުގެ ނަތީޖާ ދަނީ ފެންނަމުން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ ތެރެއިން ކައުންސިލުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދެމުންދާ ކަމަށާއި ސަރުކާރުގެ އޮފީސްތަކުން ކައުންސިލުތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އިތުރުވެ، ކަންކަމުގައި އީޖާބީ ގޮތެއްގައި ސަރުކާރާއި ކައުންސިލުތަކާއެކު ކުރެވޭ މަސައްކަތް އިތުރުވެ، ހިންގުމުގެ ސްޕީޑް ހަލުއިވެފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު