ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަމަހުގެ ފަހުން ބާއްވަން މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމަށް ފޮނުއްވި ބިލު، ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާލައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމަށެވެ. އެއީ ރަމަޟާން މަހުގެ ހަތްވަނަ ދުވަހެވެ.

ނަމަވެސް އެ ތާރީހު ބަދަލުކޮށް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނެސް މަޖިލީހުން ފާސްކުރީ މިމަހުގެ 11 ގައެވެ.

އަދި މިމަހު 13 ގައި އެ ބިލު ތަސްދީގު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ، ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިހުތިޔާރުގެ ދަށުން ބިލު، މިއަދު އަނބުރައި ފޮނުއްވައިލެއްވީ، ބަންޑާރަނާއިބުގެ ލަފާފުޅުގެ މަތިން ކަމަށެވެ.

ބަންޑާރަނާއިބު ދެއްވި ލަފާފުޅުގެ ތެރޭގައި މި ބިލުގައި، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތައާރަޒުވާ ކަންކަމާއި، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިހާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖުރާއަތުތައް ކަނޑައަޅާފައިވާކަން ފާހަގަކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެހެންކަމުން އެކަންކަން އިސްލާހުކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ބަންޑާރަނައިބު ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވާފައިވާތީ ބިލު އަނބުރާ ފޮނުވާލެއްވީ ކަމަށް ބިލު އަނބުރާ ފޮނުއްވައިލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެެވެ. އަދި އެ ބިލު ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފު ކަމަށް ބަންޑާރަނާއިބު ފާހަގަކުރައްވާފައިވާ ނުކުތާތައް އެ ސިޓީގައި ބަޔާންކޮށްދެއްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

ބިލް އަނބުރާ ފޮނުއްވާލައްވާފައި މިވަނީ، އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވާތީ ކަންބޮވުން ފާޅުކުރައްވައި، އަނބުރާ ފޮނުވާލައްވައިފި ނަމަ، މިފަހަރު ބިލު ފާސްކުރި އަގުލަބިއްޔަތަށްވުރެ ބޮޑު އަގުލަބިއްޔަތަކުން ބިލު ފާސްކޮށް ތަސްދީގުކުރެއްވުމަށް ފޮނުއްވާނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް ވިދާޅުވެފައި ވަނިކޮށެވެ.