އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި ޗެލްސީ ބަލިކޮށް، ރޭ ހޯދި ލީގު ކަޕް ޓްރޮފީއަކީ މިހާތަނަށް އެ ކްލަބާއެކު ހޯދުނު އެންމެ ހާއްސަ ޓްރޮފީ ކަމަށް ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

ރެކޯޑު ދިހަ ފަހަރަށް މުބާރާތް ކާމިޔާބު ކުރި ލިވަޕޫލުން ރޭ ވެމްބްލީގައި ކުޅުނު މެޗުގައި ޗެލްސީ ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ގޯލެއް ނުޖެހި އެއްވަރުވެފައި އޮތުމުން އިތުރު ވަގުތަށް މެޗު ގޮސް، ލިވަޕޫލް މޮޅުވީ ފަހު މިނެޓުކޮޅުގައި ގޯލު ޖަހައިގެންނެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ ކެޕްޓަން ވާޖިލް ވެން ޑައިކެވެ.

ރޭގެ މެޗަށް ލިވަޕޫލް ނުކުތީ އެޓީމުގެ ސީނިއާ ގިނަ ކުޅުންތެރިންތަކެއް ކަމަށްވާ ޑިއާގޯ ޖޮޓާ އާއި މުހައްމަދު ސަލާހްގެ އިތުރުން ޓްރެންޓް އެލެކްސެންޑްރާ އާނޯލްޑް އަދި ޑާވިން ނުނިއޭޒްވެސް ސްކޮޑުގައި ނުހިމަނައެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. އެ ހާލަތުގައި އޮތް ލިވަޕޫލުން ޒުވާން ކުޅުންތެރިންތަކަކާ އެކު ތަށި ހޯދި އިރު، ރޭގެ މެޗުގައި އުމުރުން 20 އަހަރުން ދަށުގެ ފަސް ކުޅުންތެރިޔަކު ކްލޮޕް ވަނީ ބޭނުން ކޮށްފައެވެ. ނިމުނު އިރު، ލިވަޕޫލްގެ 11 ގައި ތިބި ކުޅުންތެރިންގެ އެވަރެޖް އުމުރު 22 އަހަރަށްވުރެވެސް ދަށެވެ.

"މިރޭ މި ހޯދުނު ކާމިޔާބީއަކީ އެންމެ ހާއްސަ ކާމިޔާބީ. މިއީ އާންމުކޮށް ވާ ކަންތައްތަކެއް ނޫން. މިއީ ގަބޫލުކުރަން ދަތި ކަންކަން. މި ސްކޮޑު، މި ޓީމު، ބުނާނެ އެއްޗެއް ނެތް. އެކަޑެމީގެ އެތައް ކުޅުންތެރިންނާއެކު ތަށި ހޯދުމުން މިހުރީ ވަރަށް ފަހުރުވެރިވެފައި،" ކްލޮޕް ރޭގެ މެޗަށްފަހު ބުންޏެވެ.

ލިވަޕޫލާއެކު މީގެ ކުރިންވެސް ލީގު ކަޕާއި ޕްރިމިއާ ލީގުގެ އިތުރުން ޗެމްޕިއަން ލީގާއި ކްލަބު ވޯލްޑް ކަޕްވެސް ހޯދި ކްލޮޕް ބުނީ ރޭގެ ފައިނަލުން މޮޅެއް ލިވަޕޫލަށް ހައްގު ކަމަށާއި ނަސީބާއެކު ވެސް މޮޅުވީ އެކަމަށް މަސައްކަތް ކުރުމުން ކަމަށެވެ.

ކްލޮޕް ސީޒަނުގެ ފުރަތަމަ ތަށްޓެއް ހޯދި އިރު، މި ސީޒަނަށްފަހު އޭނާ ލިވަޕޫލް ދޫކޮށްލާނެކަން މިހާރު ވަނީ އިއުލާނު ކޮށްފައެވެ.