ދެ ފަނޑިޔާރަކަށް އިންޒާރު ދިން މައްސަލައެއްގައި ދެ މީހަކު ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އެ މައްސަލައިގައި ބަންދުކޮށްފައިވަނީ، ހުޅުމާލެ، ގޯތި ނަމްބަރު 11399، މުހައްމަދު އަޒުހާން އިސްމާއީލް (32އ) އަދި ކ. މާލެ، މ. ސްޓީލްވިލާ، ނަބާހް ބުންޔާމީން އަބްދުއްކަރީމް (22އ) އެވެ. ފުލުހުން އެ ދެ މީހުންގެ މައްޗަށް ކުރަނީ އިންޒާރުދިނުމުގެ ކުށުގެ ތުހުމަތެވެ.
ފުލުހުން އެ ދެ މީހުން ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން، ގާޒީ ވަނީ މުހައްމަދު އަޒުހާން އިސްމާއީލް ފަސް ދުވަހަށް އަދި ނަބާހް ބުންޔާމީން އަބްދުއްކަރީމް 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
އެ ދެ މީހުން ބަންދުކުރުމަށް ގާޒީ އަމުރުކުރީ ތުހުމަތުކުރެވޭ ކުށް އެ ދެ މީހުން ކުރިކަމަށް އެކަށީގެންވާ ހެކި ފުލުހުން ހުށަހަޅާފައިވާތީއެވެ.
"ތުހުމަތުކުރެވޭ ކުށް މީނާ ކުރިކަމަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވޭ. ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓު، ފުލުހުންގެ ބަޔާން ހުށަހަޅާފައިވޭ. މީނާގެ މައްޗަށް ތުހުމަތުކުރެވެނީ ދެ ފަނޑިޔާރަކަށް އިންޒާރުދިން ކަމަށް. އަދި އެ ވަގުތު ސީނަށް އެޓެންޑުވި ފުލުހުންނަށް ވެސް އިންޒާރު ދިން ކަމަށް،" އެ ދެ މީހުންގެ ބަންދު އަމުރުގައި ބުންޏެވެ.
އެ ދެ މީހުން ބަންދުކުރަން ނިންމީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށް ބަންދު އަމުރުގައި ބުންޏެވެ.
ބަންދު އަމުރުގައިވާ ގޮތުން އެ ދެ މީހުންނަކީ ތުހުމަތުކުރެވޭ ކުށުގެ ރެކޯޑު ކުރިން ވެސް އޮންނަ ދެ މީހުންނެވެ. އޭގެ ތެރެއިން މުހައްމަދު އިސްމާއީލް އަޒުހާންގެ ބަންދަށް ފަސް ދުވަސް ޖެހީ ވަކީލަކު އައްޔަންކުރަން ބޭނުންވާކަން ފާހަގަކުރުމުން ކަމަށް ބަންދު އަމުރުގައި ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު