މާލެ ސަރަހައްދުގައި ކުނި އުކުމުގެ ވިޔަފާރުކުރާ އާންމު ފަރާތްތަކުގެ އަޅަނދުތަކުން ނަގާ ފީ ވެމްކޯ އިން ކުޑަކޮށްފިއެވެ.

މިހާރު އާންމުންގެ ފަރާތުން ކުނި ގެންނަ އުޅަނދުން ޓަނަކަށް ނަގާ ފީއަކީ 1،060 ރުފިޔާއެވެ. ނަމަވެސް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ފީ ކުޑަކުރުމަށް ވެމްކޯ އިން ވަނީ ނިންމައިފައެވެ.

ވެމްކޯ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާންމުންގެ ފަރާތުން ކުނި ގެންނަ އުޅަނދުން ޓަނަކަށް ނަގާނީ 750 ރުފިޔާ ކަމަށެވެ. އޭގެ އިތުރުން މާލެ ސަރަހައްދުގައި ކުނި އުކާލުމުގެ ހިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކަށް އަންނަ އާންމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއްގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާ ނަގާނެ ކަމަށް ވެމްކޯގެ އިއުލާނުގައި ބުންޏެވެ.

"އަގަށް މި ގެނެވޭ ބަދަލާއެކު ފުރަމާލެ ސަރަހައްދު ވެއި ބުރިޖު ގާއިމުވެފައިވާ ފެސިލިޓީތަކަށް ކުނި ގެނައުމުން އާންމުންގެ ފަރާތުން އަންނަ އުޅަނދަށް ޗާޖު ކުރާނީ ގެންނަ ކުނީގެ ބަރުދަނަށް ބަލައި ޓަނަކަށް 750 ރުފިޔާ ކަމުގައި ދަންނަވަމެވެ..،" ވެމްކޯގެ އިއުލާނުގައި ބުންޏެވެ.

ވެމްކޯ އިން އިތުރަށް ބުނީ އެފަދަ ފެސިލިޓީތަކަށް ކުނި ގެންނަ ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުނި ގެނައުމުން ޗާޖު ކުރެވޭނީ ގެންނަ ކުނީގެ ބަރުދަނަށް ބަލައި ޓަނަކަށް 2،660 ރުފިޔާގެ މަގުން ކަމަށާއި ވެއި ބުރިޖު ގާއިމުވެފައި ނުވާ ފެސިލިޓީތަކުން އާންމުންނަށް ޗާޖު ކުރަމުންދާނީ އުޅަނދުގެ ރެޖިސްޓާޑް ޓަނަކަށް 750 ރުފިޔާގެ މަގުން ކަމަށެވެ.