ހއ. ހޯރަފުށިން (ޢަލީ ޔާމީން، ވަން އޮންލައިން)
ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް ރައްޔިތުންގެ މަޖިލީހުން ހުރަސްއަޅާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަނެއްކާ ވެސް ތުހުމަތު ކުރައްވައިފިއެވެ.
ބޮޑުތިލަދުންމައްޗަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު މެންދުރު މި ރަށަށް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްގެންދަން މަޖިލީހުގެ ތެރެއިން ބޮޑު އެހީތެރިކަމެއް ބޭނުންވާ ކަމަށެވެ.
ދުސްތޫރީ ނިޒާމުން ރާއްޖޭގެ ގާނޫނުއަސާސީ ބައްޓަންވެފައި އޮތް ގޮތުން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން ސަރުކާރުން ބޭނުންވާ މަޝްރޫއުތަކަށް މަޖިލީހަށް ހުރަސް އެޅޭނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުން ހަފުތާ 14ގެ ތެރޭގައި ކުރަން ރާވާފައިވާ ބައެއް ކަންކަމަށްވެސް މަޖިލީހުން ހުރަސް އަޅާ ކަމަށެވެ.
"މިހާރު މިދިޔަ ތިން މަސް ތެރޭގައިވެސް ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެން އެތައް މަސައްކަތްތަކެއް, އަޅުގަނޑު ވެފައި ހުރި ވައުދުތައް ފުއްދުމަށް ޕްލޭނެއް ހަދައިގެން 14 ހަފުތާއަށް ކަނޑައެޅި ޕްލޭނުގެ ތެރެއިން ހަމަ ކުރަމުން ކުރަމުން ދަނިކޮށް އެއްވެސް އަސާސެއް ނެތި އެތައް ހުރަސްތަކެއް ސަރުކާރު ހިންގުމަށް (ރައްޔިތުންގެ މަޖިލީހުގެ ތެރެއިން) ކުރިމަތި ކުރުވަމުން ދާތަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރާ މީހަކީ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދޭ މީހަކަށް ވާން ޖެހޭ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެ މަނިކުފާނު ސަރުކާރާ ހަވާލުވި އިރު، ކުންފުނިތަކާއި އަދި އެކި އިދާރާތަކުން އާންމުންނަށް ދައްކަން ޖެހޭ ފައިސާގެ އަދަދު އެކަނިވެސް ނުވަ ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި އިގުތިސާދީ ހާލަތާ ގުޅޭގޮތުން މިއަދު ތަކުރާރުކޮށް ވާހަކަ ދައްކަން ޖެހިފައި ވަނީ، އެ ވާހަކަތައް ބަޔަކު އެހެން ނިޔަތެއްގައި ދައްކަމުންދާތީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު