ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހެދި ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އަދިވެސް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާންމުންގެ ސުވާލުތަކަށް ސީދާ އެ މަނިކުފާނު ޖަވާބު ދެއްވުމަށް މިރޭ ސަލްޓަން ޕާކުގައި ބޭއްވި ފޯރަމުގައި ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުން ދޭން ނިންމި 4،000 ފުލެޓާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަތައް ބެލުމަށްފަހު އެ ކޮމިޝަނުން ގޮތެއް ނިންމައި، އެކަން ހައުސިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް ފުލެޓަށް އެދި ހުށަހެޅި މީހުންގެ މައުލޫމާތުތައް ހުރި ޕޯޓަލްގެ އެކްސެސް މިނިސްޓްރީއަށް ނުލިބޭ ކަމަށް ވިދާޅުވިއެވެ.
"ޕޯޓަލްގެ އެކްސެސް ނުލިބެންޏާ އަޅުގަނޑުމެންނަށް އޭގެ ހުރި ތި ބޭފުޅުން ފަދަ އެޕްލައި ކުރެއްވި ބޭފުޅުންގެ އަދި މި ޝަރުތު ހަމަނުވާ ކަމަށް އެ ކަނޑައެޅި ބޭފުޅުންގެ މައުލޫމާތުތައް މި ބަލައެއްވެސް ނެހެދޭ. އަދި އަޅުގަނޑުމެން އާންމުކުރަންވެސް ބޭނުންވޭ ހަގީގަތުގައި ޗެކް ކުރުމަށްފަހު. އެކަމަކު އާންމުކުރަންވެސް އެކްސަސް ނުދެންޏާ ނުވެގެން މި އުޅެނީ،" އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އޭސީސީގެ ނިންމުން މުރާޖާ ކުރުމުގެ މަސައްކަތް ކުރުމަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުންގެ އިތުރުން އާންމުން ބަލައިގަންނަ ބޭފުޅުންގެ މައްޗަށް ހިމެނޭ ކޮމިޓީއެއް އެކުލަވައިލާނެ ކަމަށެވެ. އަދި އެ ކޮމިޓީން ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާ މީހުންނަށްވެސް ބޯހިޔާވަހިކަމުގެ ހައްގު ގެއްލިގެން ދިޔަ ނުދޭނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު