އާބާދީގެ ނިސްބަތުން އެންމެ ގިނަ ހައުސިން މަޝްރޫއުތައް ހިންގާނީ ގދ. ތިނަދޫގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންގެ ސުވާލުތަކަށް ސީދާ އެ މަނިކުފާނު ޖަވާބު ދެއްވުމަށް މިރޭ ސަލްޓަން ޕާކުގައި ބޭއްވި ފޯރަމުގައި ރައީސް ވިދާޅުވީ އެ މަނިކުފާނު ތިނަދުއަށް މި ފަހުން ކުރެއްވި ދަތުރުފުޅުގައިވެސް އެ ސިޓީއަށް ބޭނުންވާ އެންމެ މުހިންމު އެއް ކަމަކީ ބޯހިޔާވަހިކަން ކަމުގައި ދެންނެވި ކަމަށެވެ. އަދި އެ މަޝްރޫއުތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ދެން ހަމަ ކުޅިވަޅު ފެސިލިޓީސްތައް ގާއިމުކުރުމާއި އިންފްރާސްޓްރަކްޗާ ގާއިމުކުރުމާއި އެ ހުރިހާ ކަމެއްގެ މައުލޫމާތު ހިއްސާ ކުރިން. އެހެންވީމާ ޖުމުލަ އެ ސުވާލުގެ ޖަވާބުގައި ދަންނަވާލާނީ ހަމަ ފުލެޓް ނޫނީ ރޯހައުސް މަޝްރޫއުތައް ތިނަދޫގައި މުޅި ސަރުކާރުގެ ފަރާތުން މުޅި ރާއްޖޭގެ ހިންގާ މަޝްރޫއުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން މި ކަނޑައެޅިގެންދާއިރު ހަމަ އެންގެ ގިނަ ފުލެޓް، ރޯހައުސިން މަޝްރޫއުތައް ހިންގޭނެ އެއް ރަށަކަށް އެއް ސިޓީއަކަށް ވާނެ ތިނަދޫ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އާބާދީ ގިނަ ތަނެއްގައި އާބާދީ އެއްފަސްކުރަން ފަސޭހަވާނެތީ، ސަރުކާރުން އިސްކަންދެނީ އާބާދީ ބޮޑެތި ތަންތަނުގައި އެންމެ ބޮޑެތި ތަންތަން ހަދަން ކަމަށެވެ. ނަމަވެސް އެއީ ތަފާތު ކުރުން ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ރާއްޖެއަށް ދެމެހެއްޓެނެވި ތަރައްގީ ގެނެވޭނީ އާބާދީ އެއްފަސް ކުރެވިގެން ކަމަށްވެސް ވިދާޅުވިއެވެ.