އެމެރިކާ ސަރުކާރުގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ މެނޭޖްމަންޓް އެންޑް ރިސޯސަސް، ރިޗާޑް ވަރުމާ ރާއްޖެ ވަޑައިގެން ފޮރިން މިނިސްޓަރު މޫސާ ޒަމީރާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ވަރުމާ ރާއްޖެއަށް ވަޑައިގެންނެވީ އިންޑޯ-ޕެސިފިކް ޕާޓްނަރުންނާއެކު އެމެރިކާ އިން ބާއްވާ ގުޅުން ވަރުގަދަ ކުރުމަށް ކުރައްވާ ދަތުރެއްގެ ތެރެއިންނެވެ. އެ ދަތުރުގައި އޭނާ ވަނީ އިންޑިއާ އަދި ސްރީ ލަންކާއަށްވެސް ވަޑައިގެންފައެވެ.
ވަރުމާ އާއެކު ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވެވި ބައްދަލުވުމާ ގުޅޭގޮތުން މިނިސްޓަރު ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ބައްދަލުވުމުގައި ދެ ގައުމުގެ ރައްޔިތުންގެ ދެމެދު އޮތް ގުޅުމާއި އިގުތިސާދީ ތަނަވަސްކަމާއި މޫސުމީ ފިޔަވަޅުތަކާއި ދިފާއީ އަދި ސަލާމަތީ ދާއިރާ ހިމެނޭ ގޮތަށް ގިނަ ދާއިރާތަކަކުން ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.
އޭގެ އިތުރުން ވިލުންތެރި އަދި ފާގަތި ރާއްޖެއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރު ހަގީގަތަކަށް ހެދުމަށް ކުރިއަށް އޮތްތަނުގައި ގުޅިގެން ކުރެވިދާނެ ކަންކަމާމެދުވެސް ދެ ގައުމުން މަޝްވަރާ ކުރެއްވި ކަމަށް ޒަމީރު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އެމެރިކާގެ އިސްވެރިންތަކެއް ވަނީ ރާއްޖެ ވަޑައިގެންފައެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ އެސިސްޓަންޓް ސެކްރެޓަރީ ފޯ ސައުތް އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޑޯނަލްޑް ލޫއާ ވަނީ ރައީސް މުއިއްޒާ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ރައްކާތެރިކަން ބަލަހައްޓަން ވަނީ މަޝްވަރާ ކުރައްވައިފައެވެ.
ހަމަ އެ މަހު އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑު އެޑްމިރަލް ޖޯން އެކުއިލިނޯވެސް ވަނީ ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި، ރާއްޖޭގެ ސިޔާދަތާއި ރައްކާތެރިކަން ދަމަހައްޓަން އެމެރިކާއިން ތާއީދު ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު