މަސްވެރިންގެ އުފެއްދުންތަކަށް ހާއްސަ "މަހަ" އޮންލައިން ޕޯޓަލް އިފްތިތާހުކޮށްފިއެވެ.
ހުޅުމާލެ ވޯޓާސް އެޖްގައި ބޭއްވި މި ރަސްމިއްޔާތުގައި "މަހަ" ޕޯޓަލް އިފްތިހާހުކޮށްދެއްވައި ހުޅުއްވައިދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރު އައިޝަތު ފިފްޝީނެވެ. އެ ޕޯޓަލް ފަރުމާކުރީ ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން (ބީސީސީ) އިންނެވެ.
ބީސީސީން މައުލޫމާތުދޭގޮތުގައި އެ ޕޯޓަލްގެ މަގުސަދަކީ، ދިވެހިންގެ ފަންނީ އަދި އީޖާދީ ވިސްނުންތަކާއެކު އުފައްދާ މަސްވެރިކަމުގެ އުފެއްދުންތައް އެއް ތަނަކުން ގަންނަން ލިބެން ހުރުމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސާމިހު އާދަމް ވިދާޅުވީ އެ ޕޯޓަލް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެވެސް މަސްވެރި އުފެންދުންތައް ވިޔަފާރި އުސޫލުން ވިއްކޭނެ އިންތިޒާމު ހަމަޖެހުމަކީ މަސްވެރިންގެ އުފެއްދުންތައް ވިއްކޭނެ ފަހި ފުރުސަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޒަމާނުއްސުރެ ކާބަފައިން އައީ މަސްވެރިކަމަށް ބޭނުންވާ އެންމެހާ ތަކެތި އުފައްދައިގެން މަހުން އުފައްދާ ކާބޯތަކެތި ވިއްކާ އަަވަށްޓެރި ގައުމުތަކަށް ވިއްކަމުން ކަމަށާއި ނަމަވެސް ބައިނަލްއަގުވަމީ ބަޒާރުގައި މަސްވެރިކަމަށް ބޭނުންވާ އާލާތްތައް ލިބޭ ގޮތް ފަހިވުމުން ދިވެހި އުފެއްދުންތެރި ތަކެއްޗަށް އޮތް ޑިމާންޑު މަޑުޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.
"އަދުގެ ސަރުކާރުގައި އެކުލަވާލާފައިވާ މަގުޗާޓުގެ ދަށުން އަންހެނުންނާއި ޒުވާނުންނަށް ހާއްސަކޮށް ރާއްޖޭގައި އުފައްދާ މަސްވެރި އުފެއްދުންތަކާއި މަސްވެރި ވަސީލަތްތައް އޮންލައިން ނިޒާމެއްގެ ތެރެއިން އިޝްތިހާރުކޮށް ފަސޭހައިން ގަންނަން ލިބޭނެ މަގު ތަނަވަސްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރު ވިސްނުންފުޅާއެކު ކުރިއަށްގެންދާ މަސައްކަތެއް،" އޭނާ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން ޒާމިރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވި ދުވަހުން ފެށިގެން ރައީސް މުއިއްޒު ގެންދަވަނީ ރާއްޖޭގެ އިގުތިސާދުގެ އެކި ސިނާއަތްތަކުގައި މަސައްކަތްކުރާ މީހުންނަކީ ފުދުންތެރި ދިރިއުޅުމެއް އުޅޭ ބަޔަަކަށް ހެދުމުގެ މަސައްކަތްކުރައްވަމުން ކަމަށެވެ.
"މިދިޔަ ހަފުތާގައި ފަރުމަހުގެ މަސްވެރިންނަށްޓަކައި ވަަރަށް ހާއްސަ ވައުދެއް ފުދިގެން އެ ދިޔައީ. ރާއްޖޭގެ ފަރުމަހުގެ މަސްވެރިންނަށް ލުއި ލޯނު ލިބޭނެ އިންތިޒާމު ހަމަޖެހިގެން އެ ދިޔައީ. މިއަދު އިފްތިތާހު ކުރި މަހަ ޕޯޓަލްގެ ޒަރިއްޔާއިން މަސްވެރި އުފެއްދުންތައް ރާއްޖޭގެ އެއްތަނުން ތަނެއް ތަނަށް ފަސޭހަކަމާއެކު ވިއްކޭނެ އިންތިޒާމު ހަމަޖެހިގެންދިޔަ،" އޭނާ ވިދާޅުވިއެވެ.
ޒާމިރު އިތުރަށް ވިދާޅުވީ ޒުވާނުން ބޭނުންވަނީ ގިނަތަކެތި އޮންލައިންކޮށް ގަންނަން ކަމަށާއި އެގޮތުން މިއަދު އިފްތިތާހު ކުރި މަހަ ޕޯޓަލްއަކީ އެފަދަ ވަސީލަތެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ބީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއު އަދި ކަމާ ގުޅުންހުރި އިދާރާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ދިވެހި އުފެއްދުންތައް ކުރިއަރުވައި ރާއްޖެއާއި ބައިނަލްއަގުވާމީ ބަޒާރުގައި ދިވެހިންގެ އުފެއްދުންތައް ކުރިއެރުވުމަށް ބީސީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު