ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކުރާ މީހުންގެ މައްސަލަތައް އެއް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އެދި ކޯޓުތަކަށް އޮޓޮމެޓިކް ސިޓީ ފޮނުވަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ފަށައިފިއެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަކީ މީސްމީހުންގެ ފުރާނައާއި ހަށިގަނޑާއި މުދަލަށް ގެއްލުން ލިބޭގޮތަށް، ނުވަތަ ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް، ތޫނު އެއްޗެއްސާއި ހަތިޔާރު ފަދަ ތަކެތި ގެންގުޅުމާއި، މީސްމީހުންނަށް ބިރުދައްކައި، އިންޒާރުދީ ހެދުމާއި، މިފަދަ ކަންކަން ކުރުން މަނާކުރުމުގެ ގާނޫނެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބާވަތުގެ މައްސަލަތަކުގެ ނުރައްކާތެރިކަމުންނާއި، އެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކޮށް، ޝަރީއަތްކުރުމުގައި ހުންނާނެ ގޮންޖެހުންތަކަށާއި، އެ މައްސަލަތައް އަވަހަށް ނިންމުމުގެ މުހިންމުކަމުގެ މައްޗަށް ރިއާޔަތްކޮށް އެ ގާނޫނު ފާސްކޮށްފައިވާ އިރު، ރައްޔިތުންގެ މަޖިލީހުން ތަފާތު އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން އެ ބާވަތުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާގެ ހަނުހުރުމުގެ ހައްގު ހަނިކޮށްފައިވާ ކަމަށާއި އަދި ތަހުގީގު މަރުހަލާގައި ބަންދުގައި ބަހައްޓައި، ގާނޫނީ ވަކީލާއެކު ދައްކާ ވާހަކަވެސް 96 ގަޑިއިރުގެ މުއްދަތަށް ހިންގަންވާނީ ފުލުހުންގެ ހާޒިރުގައިކަމަށް އެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
އެ ގާނޫނުގެ 17 ވަނަ މާއްދާ (ދައުވާކުރުމާއި މައްސަލަ ނިންމުމުގެ މުއްދަތު) ގައި، މި ބާވަތުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިނަމަ، 15 ދުވަހުގެ ތެރޭގައި، އެމީހެއްގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ހުށަހަޅަން ފުލުހުންނަށް ލާޒިމުވާނެ ކަމަށްވެސް ބުންޏެވެ. އެހެން ނަމަވެސް އެ މުއްދަތު މާ ކުރުކަމަށް ފުލުހުންނަށް ފެނިއްޖެނަމަ، ތަހުގީގު ކުރުމުގެ މުއްދަތު އިތުރުކުރުމަށް ސަބަބާއެކު ހުށަހަޅަންޖެހެނީ ޕްރޮސިކިއުޓާ ޖެނެރަލަށް ކަމަށްވެސް އެ ގާނޫނުގައި ވަނީ ބުނެފައެވެ.
ޕީޖީ އޮފީހުން ބުނީ މައްސަލައެއްގެ ތަހުގީގު ނިމިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ލިބޭތާ 15 ދުވަހުގެ ތެރޭގައި، އެ މައްސަލައެއްގައި ދައުވާކުރުމާ މެދު ގޮތެއް ނިންމަންވެސް ގާނޫނު ލާޒިމުކުރާ ކަމަށެވެ.
"މި ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި، މި ގާނޫނުގެ ދަށުން ދައުވާކުރާ މައްސަލައެއްގައި ކޯޓަށް މައްސަލަ ހުށަހަޅާ ތާރީހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި މައްސަލައިގައި ކޯޓުން ހުކުމެއް ކުރަންވާނެކަމަށް ލިޔެފައި އެބައޮތެވެ." ޕީޖީގެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނީ މި އަހަރުން ފެށިގެން، އެ އޮފީހުން ރާއްޖޭގެ ހުރިހާ ކޯޓުތަކަށް ފޮނުވާ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާކުރާ ހަމަ ކޮންމެ މައްސަލައެއްގައި، އެ މައްސަލައެއްގައި ހުކުމެއް ކުރަން ގާނޫނުގައި ކަނޑައެޅިފައިވަނީ 30 ދުވަހުގެ މުއްދަތެއްކަން، ފަނޑިޔާރުގެ ސަމާލުކަމަށް ގެނެސް، ހަނދުމަފުޅުކޮށް އެރުވުމަށްޓަކައި، އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން ފަށާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު