ހުސްގޮނޑި ނުހިމަނައި ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލު ކޮށްފައި ވަނީ، ގާނޫނުއަސާސީއާހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެޓާނީޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.
އަށްޑިހަ ހަތް މެންބަރުން ހިމެނޭ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ 80 މެންބަރުން ކަމަށް ބަލައިގެން މަޖިލީހުގެ ކޯރަމް ގުނުމަށް ގަވާއިދު އިސްލާހު ކުރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނާއިބު ރައީސްގެ ގޮތުގައި، ފަރެސްމާތޮޑާ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް އިންތިހާބު ކުރެއްވުމުގެ އިތުރުން އެމަނިކުފާނުގެ ކެބިނެޓާއި ބައެއް ސިޔާސީ މަގާމުތަކަށް މަޖިލީހުގައި އޭރު ތިއްބެވި ބައެއް މެންބަރުން އައްޔަން ކުރެއްވުމާ ގުޅިގެން އެ ބޭފުޅުން މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދެއްވުމުން، މަޖިލީހުގެ ދައުރު ނިމެން ހަ މަސް ދުވަހުގެ މުއްދަތެއް އޮއްވައި ބައި އިލެކްޝަންތައް ނުބޭއްވުމަށް ގާނޫނުގައި ކަނޑައަޅާފައިވާތީ، އެ ގޮނޑިތަކަށް މެންބަރުން އިންތިހާބު ނުކުރެވޭނެތީއެވެ. އެކަމުގެ ސަބަބުން މަޖިލީހުގެ ޖަލްސާތައް ބޭއްވުމާއި ބައެއް ކަންކަން ނިންމުމަށް ބޭނުންވާ ކޯރަމް ހޯދުމުގައި ދަތިތަކެއް ދިމާވުންވެސް އެ ބަދަލު ގެނައި ސަބަބުތަކުގެ ތެރޭގައި މަޖިލީހުން ފާހަގަކޮށްފައިވެއެވެ.
ހުސްވި ޑިސެމްބަރު މަހުގެ ތެރޭގައި މަޖިލިސް ގަވާއިދުގެ 49 ވަނަ މާއްދާއަށް މި ބަދަލު ގެނައުމާއެކު، އެއީ ގާނޫނުއަސާސީއާ ހިލާފަށް ގެނައި ބަދަލެއް ކަމަށްބުނެ، އެކަން ބާތިލުކުރުމަށް ބަންޑާރަބާއިބުގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އަދި އެ މައްސަލައަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން މަޖިލިސް ގަވާއިދަށް ގެނައި އިސްލާހަށް އަމަލު ނުކޮށް، ކުރިން ވެސް ގުނަމުން އައިގޮތަށް މަޖިލީހުގައި ތިބީ 87 މެންބަރުންގެ ގޮތުގައި ކޯރަމް ގުނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އޭޖީގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދުނެވެ.
އޭޖީ އެދުނު ގޮތަށް މިމަހުގެ އަށްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރު ނެރުނު ކަމަށްވިޔަސް އެ އަމުރަށް ނުބަލައި މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މަޖިލީހުގައި ތިއްބެވީ 80 މެންބަރުންގެ ގޮތުގައި ބަލައިގެންނެވެ.
އެ މައްސަލައިގެ ޝަރީއަތް ފެށުމުގެ ގޮތުން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ހުށަހަޅުއްވަމުން އޭޖީ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތުމަތު ހަލީމް ވިދާޅުވީ، މަޖިލިސް ގަވާއިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީގެ 26 މާއްދާއަކާ ތައާރަޒުވާ އިސްލާހެއް ކަމަށެވެ.
އެހެންކަމުން އެއީ ގާނޫނުއަސާސީގެ 88 ވަނަ މައްދާގެ (ހ) އިން ގަވާއިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިހުތިޔާރާއި ބާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށްވާތީ އެއީ ބާތިލު މާއްދާތަކެއް ކަމަށް ކަނޑައަޅުއްވައި މައްސަލަ ނިންމަވައިދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު