ހުސްގޮނޑި ނުހިމަނައި ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލު ކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ހެދުމަށް ގާނޫނުއަސާސީން މަޖިލީހަށް ލިބިދޭ ބާރުގެ ބޭރުން ކަމަށް އޭޖީ އޮފީހުން ބުނެފިއެވެ.
ހުސްގޮނޑި ނުލައި މަޖިލީހުގެ ކޯރަމް ގުނުމަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ އެޓާނީ ޖެނެރަލް (އޭޖީ)ގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފައެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ވަނީ ފަށައިފައެވެ.
ސުޕްރީމްކޯޓުގައި މިހާރު ކުރިއަށްދާ އަޑުއެހުމުގައި އެ މައްސަލަ ހުށަހަޅުއްވަމުން، ގަވާއިދަށް ގެނައި އެ ބަދަލަކީ ގާނޫނުއަސާސީން މަޖިލީހަށް ލިބިގެންވާ ބާރުގެ ބޭރުން ގެނައި ބަދަލެއްކަމަށް ވިދާޅުވީ މި މައްސަލައިގައި ސުޕްރީމް ކޯޓުގައި އޭޖީ ތަމްސީލު ކުރައްވަމުން ގެންދަވާ އޭޖީ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތުމަތު ހަލީމް އެވެ.
އަށްޑިހަ ހަތް މެންބަރުން ހިމެނޭ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ 80 މެންބަރުން ކަމަށް ބަލައިގެން މަޖިލީހުގެ ކޯރަމް ގުނުމަށް ގަވާއިދު އިސްލާހު ކުރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނާއިބު ރައީސްގެ ގޮތުގައި، ފަރެސް މާތޮޑާ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް އިންތިހާބު ކުރެއްވުމުގެ އިތުރުން އެމަނިކުފާނުގެ ކެބިނެޓާއި ބައެއް ސިޔާސީ މަގާމުތަކަށް މަޖިލީހުގައި އޭރު ތިއްބެވި ބައެއް މެންބަރުން އައްޔަން ކުރެއްވުމާ ގުޅިގެން އެ ބޭފުޅުން މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދެއްވުން، މަޖިލީހުގެ ދައުރުނިމެން ހަ މަސް ދުވަހުގެ މުއްދަތެއް އޮއްވައި ބައިއިލެކްޝަންތައް ނުބޭއްވުމަށް ގާނޫނުގައި ކަނޑައަޅާފައިވާތީ، އެ ގޮނޑިތަކަށް މެންބަރުން އިންތިހާބު ނުކުރެވޭނެތީއެވެ. އެކަމުގެ ސަބަބުން މަޖިލީހުގެ ޖަލްސާތައް ބޭއްވުމާއި ބައެއް ކަންކަން ނިންމުމަށް ބޭނުންވާ ކޯރަމް ހޯދުމުގައި ދަތިތަކެއް ދިމާވުންވެސް އެ ބަދަލު ގެނައި ސަބަބުތަކުގެ ތެރޭގައި މަޖިލީހުން ފާހަގަ ކޮށްފައިވެއެވެ.
ހުސްވި ޑިސެމްބަރު މަހުގެ ތެރޭގައި މަޖިލިސް ގަވާއިދަށް މި ބަދަލު ގެނައުމާއެކު، އެއީ ގާނޫނުއަސާސީއާހިލާފަށް ގެނައި ބަދަލެއް ކަމަށްބުނެ، އެކަން ބާތިލް ކުރުމަށް ބަންޑާރަބާއިބުގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އަދި އެ މައްސަލައަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން މަޖިލިސް ގަވާއިދަށް ގެނައި އިސްލާހަށް އަމަލު ނުކޮށް، ކުރިން ވެސް ގުނަމުން އައިގޮތަށް މަޖިލީހުގައި ތިބީ 87 މެންބަރުންގެ ގޮތުގައި ކޯރަމް ގުނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އޭޖީގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދުނެވެ.
އޭޖީ އެދުނު ގޮތަށް މިމަހުގެ އަށްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މައްޗަސް ސުޕްރީމް ކޯޓުން އަމުރު ނެރުނުކަމަށްވިޔަސް އެ އަމުރަށް ނުބަލައި މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މަޖިލީހުގައި ތިއްބެވީ 80 މެންބަރުންގެ ގޮތުގައި ބަލައިގެންނެވެ.
އެ މައްސަލައިގެ ޝަރީއަތް ފެށުމުގެ ގޮތުން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ހުށަހަޅުއްވަމުން އޭޖީ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތުމަތު ހަލީމް ވިދާޅުވީ، މަޖިލިސް ގަވާއިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީގެ 26 މާއްދާއަކާ ތައާރަޒްވާ އިސްލާހެއް ކަމަށެވެ.
އެހެންކަމުން އެއީ ގާނޫނުއަސާސީގެ 88 ވަނަ މައްދާގެ (ހ) އިން ގަވާއިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިހުތިޔާރާއި ބާރުގެ ބޭރުން ނިންމަފައިވާ ނިންމުކެއް ކަމަށްވާތީ އެއީ ބާތިލް މާއްދާތަކެއް ކަމަށް ކަނޑައަޅުއްވައި މައްސަލަ ނިންމަވައިދއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު