ތިނަދޫ ސިޓީގައި ތަރައްގީކުރާ ބައިނަލްއަގުވާމީ އެއާޕޯޓުގެ މަސައްކަތް ގިނަވެގެން ދެ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ގދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ތިނަދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓް ހެދުމުގެ މަސައްކަތް ވަނީ ޕޭން ޕެސިފިކް ކުންފުންޏާ ހަވާލުކޮށްފައެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއާއެކު ތިނަދޫ އާއި މުޅި ހުވަދު އަތޮޅަށް އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެ ކަމަށާއި ކުރިއަށްއޮތް މަދު ހަފުތާއެއްގެ ތެރޭގައި ޑީޓެއިލްއަށް ގޮސް، ވީހާވެސް އަވަހަށް އަމަލީ މަސައްކަތަށް ސޮއިކުރަން ޖެހޭ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށެވެ.

"މުޅި މަޝްރޫއަށް އަންދާޒާ މިކުރަނީ ދެ އަހަރު ދުވަސް މެކްސިމަމް. ގިނަވެގެން ދެ އަހަރު ތެރޭގައި މަޝްރޫއު ނިންމާނަން. އެހެންވީމާ މި މަޝްރޫއު ކުރިއަށްގެންދިއުމަކީ ތިޔަ ލޮބުވެތި ރައްޔިތުންގެ ތަރައްގީގެ އުންމީދުތަކުގައި ދާއިމީ ކުލަ ޖެހުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ތިނަދޫގައި މިހާރު ހިއްކާފައި އޮތް ބިމާ ގުޅިގެން ތަރައްގީއަށްޓަކައި މަދުވެގެން 50 ހެކްޓަރުގެ ބިން އިތުރުކުރުމާއި، އެ ބިމުގައި އެއްފަސްވެގެން ހަތަރު ކިލޯމީޓަރުގެ ކޯޑް އޮފް ރަންވޭއެއް ހިމެނޭގޮތަށް އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުން ކަމަށެވެ.

"އެ އެއާޕޯޓު ވެގެންދާނީ ދެންމެ މިނިސްޓަރު މުއްތަލިބު ފާހަގަކުރެއްވި ގޮތަށް މި ދުނިޔޭގައި ވެސް އޭގެ ރީތިކަން، ލޭންޑްމާކް ޑިޒައިނެއް އޭގައި ހިމެނޭ، ފެނުގެ މަތީގައި ގާއިމުކުރެވޭ އޯވާވޯޓާ ޓާމިނަލެއް ގާއިމުކުރުމަށް ޑިވެލޮޕާ ހުށަހަޅުއްވާފައި އެ އޮތީ. އެހެންވީމާ އެކަން ވެސް ވެގެންދާނީ މި އަތޮޅުގައި ޓޫރިޒަމް ތަރައްގީކުރުމުގައި ވެސް ވަރަށް ބޮޑު އެޓްރެކްޝަނަކަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ސީޕްލޭން ޓާމިނަލަކާއި، ފްލައިން ސްކޫލެއް ގެނައުމުގެ މަސައްކަތާއި، އެއާ އެމްބިއުލާންސް ސާވިސަސްއަށް ބޭނުންވާ ފެސިލިޓީތައް ގާއިމުކުރުމާއި، ޑިކޮމްޕްރެޝަން ޗެމްބާ ފެސިލިޓީތައް ގެނައުން އަދި ހުވަދު އަތޮޅުގައި 12 ޓޫރިސްޓު ރިސޯޓު ތަރައްގީކުރުން ވެސް ހިމެނޭނެ ކަމަށެވެ.

މިރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓް ހަދާނީ އިންވެސްޓަރުގެ ހަރަދުގައި ކަމަށެވެ.