ދެކުނު ކޮރެއާގައި ޑޮކްޓަރުން މުޒާހަރާއަށް ނިކުމެ ހޮސްޕިޓާތައް ހުއްޓުވައިފިއެވެ.

ދެކުނު ކޮރެއާގެ ސަރުކާރުން އެ ގައުމުގެ ޑޮކްޓަރުންގެ ނިސްބަތް މަދުވުމުން އެކަމަށް ހައްލު ގެނައުމަށް ޑޮކްޓަރުންގެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރަން ފެށުމާއެކު މިހާރު ހަރަކާތްތެރިވާ ޑޮކްޓަރުން ވަނީ އެކަމާ ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައެވެ.

ދެކުނު ކޮރެއާގެ އޮފިޝަލުން ވަނީ 1600 އަށްވުރެ ގިނަ ޑޮކްޓަރުން މަސައްކަތް ހުއްޓާލައި މުޒާހަރާ ކުރާ ކަމަށާއި އެކަމުގެ ސަބަބުން ހޮސްޕިޓާ ތަކުގެ މަސައްކަތްތައް ހުއްޓި ބަލި މީހުންނަށް ފަރުވާ ދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ބުނެފައެވެ.

ދެކުނު ކޮރެއާ އަކީ ދުނިޔޭގައި ނިސްބަތުން އެ ގައުމުގެ އާބާދީގެ އެންމެނަށް ހިދުމަތް ދެވޭ ވަރަށްވުރެ ޑޮކްޓަރުން މަދު ގައުމެކެވެ.

ޑޮކްޓަރުންގެ ނިސްބަތް މަދުވުމުން ދެކުނު ކޮރެއާގެ ޑޮކްޓަރުންނަށް ލިބޭ މުސާރައަކީ ބޮޑު މުސާރައެކެވެ. އެ ގައުމުގެ އެންމެ އާ ޑޮކްޓަރަކަށްވެސް 200،000 ޑޮލަރު އަހަރަކު ލިބޭކަމަށް އޮފިޝަލުން ބުނެއެވެ.

ދެކުނު ކޮރެއާގެ ކޮންމެ 1000 މީހަކަށް 2.5 ޑޮކްޓަރުން ތިބިއިރު އެކަމުގެ ހައްލެއްގެ ގޮތުން އެ ގައުމުގެ ސަރުކާރުން ވަނީ ޑޮކްޓަރުންގެ ނިސްބަތް އިތުރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ފަށާފައެވެ.