މަސްވެރިންނާއެކު މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަން ތައްޔާރު ކަމަށާއި މައްސަލަ ހައްލުކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ފައިސާ ދިނުން ލަސްވާތީ މަސްވެރިން އެކަމާ އިހުތިޖާޖުތަކެއް ކޮށްފައިވާ އިރު، ދެކުނުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ތިނަދޫ ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ މަސްވެރިންގެ އެ އިހުތިޖާޖުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ.

ރައީސް ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވެސް ދެމުންދާނެ ކަމަށާއި އެކަން މަސްވެރިން ވެސް ގަބޫލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އަތުގައި ހުރި އެއްޗެއް ނުދީ ގަސްތުގައި ހިފަހައްޓަނީ ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު ކުރިއަށްގެންދާ އިހުތިޖާޖު އަންޑަސްޓޭންޑުވޭ. އެހެންނަމަވެސް އެކަން އެގޮތަށް ކުރައްވައިގެން ވަކި އަޅުގަނޑުމެންނަށް ވެސް، މުޅި ގައުމަށް ވެސް، މަސްވެރިންނަށް ވެސް މާބޮޑު ކުރިއެރުމެއް ނުލިބޭ. އެހެންވީމާ އަޅުގަނޑު އެދެނީ އިތުރަށް އަނެއްކާވެސް މަޝްވަރާކުރައްވަން. ކުރައްވައިގެން އަޅުގަނޑު ވެސް މިހުރީ ތައްޔާރަށް. އަޅުގަނޑާ ބައްދަލުކުރަން ބޭނުންފުޅީއާ އަޅުގަނޑު ވެސް މިހުރީ މިރޭ ވިޔަސް، މާދަމާ ވިޔަސް މަޝްވަރާކުރަން ތައްޔާރަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޝްވަރާގެ އުސޫލުން ވާހަކަދެކެވިގެން ރިވެތި އުސޫލުން ކަންކަން ކުރީމަ ކަންކަން ވާނެ ކަމަށާއި ބޭރުގެ ސިފައިން ބޭލުމަށް އެމަނިކުފާނާ ހަވާލުކުރި މަސައްކަތް ވެސް ކުރިއަށްގެންދެވީ އެ އުސޫލުގެ މަތިން ކަމަށެވެ.

"އެކަން ވެސް އިރާދަކުރެއްވީތީ މި ކުރަނީ މަޝްވަރާގެ އުސޫލުން. ރުންކުރުކަމާއި، ގަދަބަދަވިކަމުން މަގުމައްޗަށް ނުކުމެ މުޒާހަރާކޮށްގެން ވާކަމެއް ނޫން އެއީކީ. އަޅުގަނޑުމެންނަށް ކޮން ކަމެއްތޯ ވާނީ އެކަން ހާސިލުކޮށްގެން، ނުވާނެ އެއްކަމެއް ވެސް ހާސިލެއް. ރިވެތި އުސޫލުން، ޑިޕްލޮމަސީގެ ރީތި މިންގަނޑުތައް ބޭނުންކޮށްގެން، މަޝްވަރާކޮށްގެން، ވާހަކަދެކެވިގެން ކަންކަން ހާސިލުވާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ ރޯދަމަސް ފެށުމުގެ ކުރިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށް މަސައްކަތްކުރާ ކަމަށާއި ރިޔާސީ ވައުދުފުޅާ އެއްގޮތަށް މަސްވެރިން މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށެވެ.