ގދ. ތިނަދޫގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އަޅަން ތައިލެންޑް ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެކަމުގެ އެއްބަސްވުމުގައި ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ ޕޭން ޕެސިފިކް ކުންފުންޏާއެކު ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ތިނަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ބައްދަލުުވުމުގެ ތެރެއިންނެވެ.

އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޕޭން ޕެސިފިކް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޒީރާޓް ޕެތްނުންތަވޮންގައެެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނި ގޮތުގައި، ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ފެންވަރުގެ އެއާޕޯޓެކެވެ. އެ އެއާޕޯޓުގައި ފިއުލް ފާމަކާއި ސީ ޕްލޭން ޓާމިނަލެއްވެސް ތަރައްގީކުރާނެ ކަމަށްވެސް ބުންޏެވެ.

ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަނިކުފާނު ވަނީ އެ މަސައްކަތް ވީހާވެސް އަވަހަށް ފަށްޓަވައިދެއްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވިދާޅުވެފައެވެ.