އިންތިހާބުތަކަށް ކަނޑައަޅާފައިވާ ތާރީހުތައް ބަދަލުކުރަން ބޭނުންވީމާ، އިންތިހާބު ފަސްކުރުމަކީ ޑިމޮކްރަސީ ނޫން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގައި ވާހަކަދައްކަވަމުން، ފުއާދު ވަނީ އީސީން އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވަން ކަނޑައެޅި ރައްޔިތުންގެ މަޖިލިސް އިންތިހާބު ރޯދައިގެ ފަހަށް ފަސްކުރަން ބިލެއް ފާސްކުރުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ފުއާދު ވިދާޅުވީ ވަކި ބަޔަކު ބޭނުންވީމާ ވަކި ގޮތެއް ހެދުމަކީ ޑިމޮކްރަސީއެއް ނޫން ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ޑިމޮކްރަސީއެއްގައި އެންމެ އަސާސީ ކަންތައްތަކަކީ އަޅުގަނޑުމެން ގޮތަކަށް ކަމެއް ކަނޑައަޅައިފިއްޔާ، އެ ކަނޑައަޅާ ގޮތަކަށް ހަމަހަމަކަން މަތީގައި އެކަމެއް ކުރުން. އިންތިހާބު ބާއްވަން ވިޔަސް، ކެންޑިޑޭޓުން ކުރިމަތިލާން ވިޔަސް، އަދި މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނީޓަރުން ކުރިމަތިލާން ވިޔަސްވެސް، ކޮންމެ ކަމަކަށް ވެސް އެ ކަނޑައަޅާ މުއްދަތުގެ ތެރޭގައި އެކަން ކުރުން. ވަކި މީހަކަށް ވަކި ގޮތެއް ނަހަދައި،" އޭނާ ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ބައެއް މީހުން ގުޅުމުން ވޯޓުލާ ދުވަސް ބަދަލުކުރުމަކީ ޑިމޮކްރަސީއެއް ނޫން ކަމަށާއި އެންމެ ހިތާމަކުރައްވަނީ އެންމެ ގަދައަށް ޑިމޮކްރަސީއަށް ވަކާލާތުކުރައްވާ ބޭފުޅުންގެ ފަރާތުން އެކަންކަން ފެންނަމުންދާތީ ކަމަށެވެ. އަދި ކުރިން ކަލަންޑަރު އެކުލަވާލާ އިރު، އެއްވެސް މީހަކަށް މައްސަލައެއް ފާހަގަނުވާ ކަމަށް ފުއާދު ވިދާޅުވިއެވެ.

"މިސާލަކަށް އެންމެ ފަހުން ވެސް ކުރިމަތިލާން ދުވަސް ހުޅުވާލި އިރު، އެއްވެސް ބޭފުޅަކު އެއްވެސް އެއްޗެކޭ ވިދާޅެއް ނުވޭ. މުއްދަތު އައިސް ހަމަވަނީ، 14 ވަނަ ދުވަހަށް ކައިރިވީމާ ގުޅުއްވަން ފެއްޓެވީ އަޅުގަނޑުމެންނާ. ގުޅުއްވާފައި މި ވިދާޅުވަނީ މުއްދަތު އިތުރުކޮށްލަންވަންވީ ނޫންހޭ، އަޅުގަނޑުމެން މި ދަންނަވަނީ އިތުރުކުރެވޭކަށް ނެތޭ، އެއީ ގާނޫނުގައި އޮންނަގޮތުން 14 ދުވަހުގެ މުއްދަތޭ ދީފައި އިންނަނީ. އެހެންނަމަވެސް ތިބޭފުޅުން ބޭނުންވެއްޖެއްޔާ އެކަން ކޮށްލެވޭ ނޫންހޭ، ބޭނުމަކަސް އަޅުގަނޑުމެންނެއް އެކަން ކޮށްގެންނެއް ނުވާނެ. ގާނޫނަށް އަޅުގަނޑުމެން އެބަ ތަބާވާން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

ފުއާދު އިތުރަށް ވިދާޅުވީ ރޯދައިގެ ކުރިން އިންތިހާބު ބޭއްވުމަށް އީސީން މަސައްކަތްކުރި ނަމަވެސް، އޭރު ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި ޕާޓީތަކަށް ވެސް ރޯދައިގެ ތެރޭގައި އިންތިހާބު ބާއްވަން މައްސަލައެއް ނެތްކަން ފާހަގަކުރަމުންދިޔަ ކަމަށެވެ. އަދި މިހާރު އެބޭފުޅުން ރޯދައިގެ ތެރޭގައި އިންތިހާބު ބާއްވަން ބޭނުންނުވާ ކަމަށް ވިދާޅުވިއެވެ.