މަސްވެރިން މިފްކޯއަށް ކިރި މަހަށް ނުދީ ހުރި ފައިސާގެ ތެރެއިން 100 މިލިޔަން ރުފިޔާ މިމަހުގެ 26 ވާ ހޯމަ ދުވަހުގެ ކުރިން މަސްވެރިންނަށް ދޫކުރަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ، މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ ގިނަ މަސްތަކެއް ވެފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މަސްވެރިންނަށް ނުދި މިހާރު ހުރީ 280 މިލިޔަން ރުފިޔާ ކަމަށެވެ. އޭގެ ތެރެއިން 100 މިލިޔަން މިމަހު 26 ވަނަ ދުވަހުގެ ކުރިން ދޫކުރުމަށްފަހު ދެން ހުރި ފައިސާ މާޗް ފަހެއްގެ ކުރިން ދޫކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމަށް އައިފަހުން މިފްކޯއިން ބޭރުކުރީ 18،987 ޓަނުގެ މަސް ކަމަށާއި، އެއަށް ލިބުނީ 395 މިލިއަން ރުފިޔާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ނޮވެމްބަރު މަހުގެ 17 އިން ފެށިގެން މިހާތަނަށް، ކްރެޑިޓަށް ދޫކޮށްފައި ހުރި ތެލާއި އައިސް ހިމެނޭ ގޮތުން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ޖުމުލަ 435 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ވިދާޅުވިއެވެ.
ކިރުވި މަހަށް ފައިސާ ނުދީގެން ކޫޢްޑޫއަށް އެއްވެ މަސްވެރިން މުސާކުރަމުންދާއިރު، އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު