ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް މަޖިލީހުގެ ބާރު ހޯދައިދީ، ކަންކަން ކުރުމަށް މަގުފަހިކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވައިފިއެވެ.
ދެކުނުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކު ސިޓީއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު މިރޭ ވިދާޅުވީ ސަރުކާރުން ރާވާފައިވާ ކަންކަން ކުރެވޭނީ ރައްޔިތުންގެ ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ކަމަށާއި މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކަންކަން ދިޔައީ އެންމެ ފަސޭހަ ގޮތަކަށް ނޫންކަން ރައްޔިތުންނަށް ވެސް ފެންނާނެ ކަމަށެވެ.
"އަޅުގަނޑު އެކްސްޕެކްޓެއް ވެސް ނުކުރަން ފަސޭހަވާނެ ކަމަކަށް މަޖިލިސް ތެރެއިން. ދުނިޔޭގެ އެއްވެސް ތަނަކު ދާ ގޮތަކަށް ނޫން، އެހެންނަމަވެސް މައްސަލައެއް ނެތް. އެހެންވިޔަސް ވެސް ރައްޔިތުންނަށް މިއޮތީ ރާއްޖޭގެ މުސްތަގުބަލު ބައްޓަންކުރުމުގެ ބާރު އިންތިހާބުތަކުން މި ލިބެނީ. މިއީ މި ދެންނެވި ސީރިއަސް ބައިވަރު މަސައްކަތްތައް ކުރުމުގައި، ރައްޔިތުންނަށް ހެވާއި ލާބަ ހޯދައިދިނުމުގައި ކުރަން ހުރި މަސައްކަތްތަކުގައި ވިސްނަން ޖެހޭ ވިސްނުމެއް ވީމަ މި ވާހަކަ މި ދަންނަވަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަޖިލީހުގެ ބާރަކީ ރައްޔިތުން އެމަނިކުފާނާ ހަވާލުކުރި ޒިންމާ އަދާކުރެއްވުމުގައި ކުރައްވާ މަސައްކަތް ކުރެއްވުމަށްޓަކައި އިތުރަށް ބޭނުންވާ ކަމެއް ކަމަށާއި އެއްގޮތަކަށް ވެސް އެއީ ސިޔާސީ ވާހަކައެއް ކަމަކަށް އެއްވެސް ނަޒަރިއްޔާތަކުން ގަބޫލުފުޅުނުކުރައްވާ ކަމަށެވެ. އަދި މިހާރު މަޖިލީހުން މި ސަރުކާރަށް ކުރިމަތިކުރަމުންދާ ކަންކަމުގެ ސަބަބުން އެކަމާ ވިސްނަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެއްވެސް ކަމެއް ނުކޮށް، ފަރުވާ ކުޑަކޮށް، އެއްވެސް ކަހަލަ ޕާފޯމަންސެއް ނެތި ދިޔަނަމަ މައްސަލައެއް ނެތް. އެހެނެއް ނޫން، އިރާދަކުރެއްވީތީ ކަންކަން ކުރެވޭ ބަލައި ކުރަމުން މިދަނީ. އަދި އިރާދަކުރެއްވިއްޔާ ކުރިއަށްއޮތްތާނގައި ވެސް ރަނގަޅުކުރާނަން. އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ ބާރު އެއީ ގާނޫނުއަސާސީ އޮތްގޮތުން ސަރުކާރު ކުރިއަށްގެންދިއުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެއް. ސަރުކާރު ކުރިއަށްގެންދިއުމުގައި ރައްޔިތުންގެ މަޖިލީހުގެ ބާރު އެއީ ރައްޔިތުން ނިންމާ ގޮތަކަށް އޮންނަ ކަމެއް. އެހެންވީމާ އެކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ނިޒާމު ބައްޓަންކޮށްފައި އޮތްގޮތުން، ސަރުކާރަށް ރައްޔިތުން އެދޭ ގޮތުގައި ބާރު ސްޕީޑުގައި، ފުޅާކޮށް ރަނގަޅަށް ކުރިއަށްގެންދެވޭނީ ރައްޔިތުން ނިންމާ ގޮތަކުން ކަމަށާއި އެހެންކަމުން ކުރިއަށްއޮތް އިންތިހާބުގައި ރައްޔިތުން އެކަމަށް ވިސްނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު