ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފޯމު ހުށަހަޅުއްވައިފިއެވެ.
އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމަވައި އެކަން ޝާހިދު އިއުލާން ކުރެއްވީ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ޝާހިދު ވިދާޅުވީ، އާ ފޯރިޔަކާއި އާ ޖޯޝަކާއެކު އާބާރެއްގައި އެމްޑީޕީ ނުކުމެ، ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިއުމަށް އެންމެން އަތުގުޅާލަން ވެއްޖެކަން ބަލައިލި ކޮންމެ ދިމާލަކުން މިއަދު ފެންނަ ކަމަށެވެ.
ޝާހިދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމަށް ފޯމު ހުށަހަޅުއްވާފައިވާތީ މެމްބަރުންގެ ތާއީދާއި އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.
އެމްޑީޕީގެ ރައީސް ކަމަށް ޝާހިދު ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އިރު، އެމްޑީޕީގެ ބައެއް އިސްވެރިންނާއި އެކްޓިވިސްޓުންގެ އިތުރުން ގިނަ އަދަދެއްގެ މެމްބަރުންވެސް ވަނީ ޝާހިދަށް ކެމްޕޭން ކުރަން ފަށައިފައެވެ.
އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ރައީސްގެ މަގާމުގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.
އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީން ވަކިވެވަޑައިގަތުމުންނެވެ. ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ވަގުތީގޮތުން ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފައެވެ. އެ މަގާމުގައި އަދިވެސް ހުންނެވީ އެ މަނިކުފާނެވެ.
ޚަބަރު
ޚަބަރު
ޚަބަރު