ކޯޓުތަކުގެ އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމުގެ ކަންކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާ ދިނުމަށް، ފަނޑިޔާރުންގެ ބޯޑެއް އެކުލަވާލަން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއަދު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި އެކުލަވާލަން ނިންމި އެ ބޯޑު އުފެއްދުމުގެ ބޭނުމަކީ ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭ ގޮތުން ސިޔާސަތު އެކަށައަޅާއިރު، ފަނޑިޔާރުންގެ ބައިވެރިވުން އިތުރުކުރުމަށާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި އެކުލަވާލާ ސިޔާސަތުތަކަކީ ހާމަކަން ބޮޑު އަދި ފަނޑިޔާރުންނާ މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ ސިޔާސަތުތަކެއް ކަމަށް ހެދުން ކަމަށެވެ.

ޖޭއެސްސީން ބުނި ގޮތުގައި "ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި ލަފާދޭ ފަނޑިޔާރުންގެ ބޯޑު" ގައި ތިއްބަވާނީ ނުވަ މެންބަރުންނެވެ.

މި ބޯޑުގެ މެންބަރުންގެ ތެރެއިން 7 ވަނަ ނަންބަރާއި 8 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މެންބަރުން ޢައްޔަންކުރެވޭނީ، ފަނޑިޔާރުންގެ މެދުގައި ބަހާލެވޭ އުޞޫލަކުން ކޮންމެ އަހަރަކުން 01 ފަހަރު ބަދަލުވާ ގޮތުގެމަތީންނެވެ.

  • ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު
  • ޖޭއެސްސީގެ ރައީސް
  • ހައިކޯޓުގެ އިސްފަނޑިޔާރު
  • ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓު، ޖޭއެސްސީގައި ތަމްސީލުކުރައްވާ ފަނޑިޔާރު
  • ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓު، ޖޭއެސްސީގައި ތަމްސީލުކުރައްވާ ފަނޑިޔާރު
  • ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތައް، ޖޭއެސްސީގައި ތަމްސީލުކުރައްވާ ފަނޑިޔާރު
  • ސުޕީރިއާ ކޯޓުތަކުގެ އިސްގާޒީންގެ ތެރެއިން އުއްތަމަފަނޑިޔާރު އައްޔަންކުރައްވާ ފަނޑިޔާރަކު
  • މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަފަނޑިޔާރު އައްޔަންކުރައްވާ ފަނޑިޔާރަކު
  • ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު

ޖޭއެސްސީން ބުނީ، އެ ބޯޑުގެ މެންބަރުންގެ ތެރެއިން ހަތްވަނަ ނަންބަރާއި އަށްވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މެންބަރުން އައްޔަން ކުރެވޭނީ، ފަނޑިޔާރުންގެ މެދުގައި ބަހާލެވޭ އުސޫލަކުން ކޮންމެ އަހަރަކުން އެއް ފަހަރު ބަދަލުވާ ގޮތުގެމަތީން ކަމަށެވެ.