ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ރަޔޯ ވަލެކާނޯއާ އެއްވަރުވެއްޖެއެވެ.

ލަލީގާ ތާވަލުގެ އެއްވަނައިގައި އޮތް ރެއާލްއިން ރޭ ރަށުން ބޭރުގައި އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ކުޅުނު 25 މެޗުން 62 ޕޮއިންޓާއެކު ރެއާލް އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތް ޖިރޯނާ 24 މެޗު ކުޅެ، 56 ޕޮއިންޓް ހޯދާފައިވެއެވެ. އެންމެފަހުގެ ޗެމްޕިއަން ބާސެލޯނާއިން 25 މެޗުން 54 ޕޮއިންޓް ހޯދާފައިވާ އިރު، އެތުލެޓިކޯ މެޑްރިޑް އޮތީ ހަތަރު ވަނައިގައެވެ.

ރެއާލްއިން ރޭގެ މެޗު ރަނގަޅަށް ފަށާފައިވާ އިރު، އެޓީމުން ވަނީ މެޗުގެ ތިންވަނަ މިނެޓުގައި ލީޑުވެސް ނަގައިފައެވެ. ރެއާލަށް ރޭގެ މެޗުގައި ލީޑު ނަގައިދިނީ ޖޮސެލޫއެވެ. ފެޑެރީކޯ ވަލްވާޑާގެ ހިތްގައިމު ޕާސް އޭނާ ގޯލަށް ވައްދާލީ ފަސޭހަކަމާއެކުގައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލް ކޮޅަށް ވަލެކާނޯއިން ގޯލު ޖެހި އިރު، އެ ގޯލަކީ ޕެނަލްޓީއަކުން ރައުލް ޑި ތޯމަސް ޖެހި ގޯލެކެވެ. އެ ޕެނަލްޓީއަކީ އެޑުއާޑޯ ކަމަވިންގާ އަތުގައި ބޯޅައިން ޖެހުމުން، ވީއޭއާރް ބަލައި ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ ފަހު ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ރަނގަޅު ހަމަލާއެއް އުފެއްދިފައިނުވާ އިރު، ހާއްސަކޮށް ރެއާލަށް ނުރައްކާތެރި ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ދެޓީމަށްވެސް ޖެހުނީ ޕޮއިންޓަކުން ފުއްދާލާށެވެ. މެޗުގެ ފަހުވަގުތުގައި ރެއާލްގެ ޑެނީ ކަވަހާލަށް ވަނީ މެޗުގައި ރަތް ކާޑު ދައްކައިފައެވެ.