ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުގައި ބޮޗުމް ކައިރިން 3-2 އިން ބަލިވެ، ބަޔާން މިއުނިކުން ނުވަ ދުވަސް ތެރޭގައި ތިންވަނަ ބައްޔާ ކުރިމަތިލައިފިއެވެ.

ރޭ ރަށުން ބޭރުގައި ބަޔާންވި ބައްޔަކީ މިދިޔަ ނުވަ ދުވަސް ތެރޭގައި އެޓީމަށް ކުރިމަތިލާން ޖެހުނު ތިންވަނަ ބައްޔެވެ. ލީގުގައި ވި ދެ ބަލީގެ އިތުރުން ބަޔާނުން ދެން ބަލިވީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ލާޒިއޯއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ބަޔާން ރޭ ބަލިވެ، ލީގު ތާވަލުގެ ދެވަނައިގައި އޮތް އިރު، އެޓީމު މިހާރު އޮތީ އެއްވަނައިގައި އޮތް ބަޔާން ލެވަކޫސަނަށްވުރެ އަށް ޕޮއިންޓް ފަހަތުގައެވެ. ލެވަކޫސަން 22 މެޗުން 58 ޕޮއިންޓް ހޯދާފައިވާ އިރު، ބަޔާން ދެވަނައިގައި އޮތީ 22 މެޗުން 50 ޕޮއިންޓާއެކުގައެވެ. މިދިޔަ 11 ސީޒަނުގައި ލީގު ހޯދި ބަޔާނަށް ބޮޑު ޗެލެނެޖެއް އޮތް އިރު، ރޭގެ މެޗަށްފަހު ތޯމަސް ޓުޗެލް ބުނީ ފަހު މެޗާ ހަމައަށް އުންމީދު ކުރާނެ ކަމަށެވެ.

ޖަމާލް މުސިއާލާގެ ގޯލުން ރޭ ބަޔާން ލީޑު ނެގި ނަމަވެސް، ހާފު ނިމުމުގެ ކުރިން ބޮޗުމް ލީޑު ނެގިއެވެ. ފަހަތުން އަރައި އެޓީމުން ލީޑު ނެގީ ޓަކޫމާ އަސާނޯއާއި ކެވެން ޝްލޮޓާބެކް ޖެހި ގޯލުންނެވެ. ދެވަނަ ހާފަށް ނުކުމެ ކެވިން ސްޓޯގާގެ ގޯލުން ބޮޗުމް ލީޑު ފުޅާވެސް ކުރި އިރު، އޭގެ ފަހުން ބަޔާންގެ ޑިފެންޑަރު ޑަޔޮޓް އުޕަމޭކާނޯއަށް ރަތް ކާޑު ދައްކާފައިވެއެވެ.

ބަޔާންގެ ދެވަނަ ގޯލު ހެރީ ކޭން ޖެހި ނަމަވެސް އެޓީމަށް މޮޅުވެވޭ ގޮތެއް ނުވިއެވެ.