އައްޑޫއިން މިހާރު ފެންނަނީ ހަދަން ފަށައި ދުވަސްވުމުގެ ސަބަބުން މަސައްކަތް ހުއްޓާލާފައިވާ ކޮންސްޓްރަކްޝަން ސައިޓުތަކެވެ. ބޮޑު ބިމެއް ހިއްކާފައި އެ ބިމުގައި އިގްތިސޯދީ މަންފާއެއް ނެރެވޭނެ އެއްވެސް މަސައްކަތެއް ނުކުރެވި ވިނަފަޅައިފައިވާ މަންޒަރެވެ. މަގުތައް ހެދުމުގެ މަސައްކަތް އެއްބައި ހިސާބުތަކުން ހުއްޓިފައި ހުރުމުގެ ސަބަބުން އާންމު ދަތުރުފަތުރަށް ތުރާލަކަށް ވަނީ ވެފައެވެ. އައްޑޫ ސިޓީގެ ރައްޔިތުންގެ ޝަކުވާއަކީ އެ ސިޓީއަށް ހައްގުވާ ތަރައްގީގެ ބައި ލިބިފައި ނުވުމެވެ. ސަރުކާރުތަކުން އައްޑޫ ރައްޔިތުން ހައްލައިލުމުގެ ގޮތުން އިންތިހާބުތަކާ ދިމާކޮށް ތަރައްގީގެ ވައުދުގެ ބަސްތާ އޮއްސާލިޔަސް، އެއިން ވައުދެއް އަމަލުން ނުފުއްދާކަމުގެ ޝަކުވާއެވެ. އެ މީހުންގެ ނަޒަރުން ތަރައްގީގެ ހުވަފެންތަކުގައި މާޔޫސްވުން ނޫން ކަމެއް މިހާރު ނުވެ އެވެ.

"ދެން ހިއެއް ނުވޭ އެކަހަލަ މާޔޫސްކަމެއް ދިމާވާނެއްހެން. މާލޭގައި ބުރިޖެއް އަޅައި ސިއްސައިގެންދާ ފަދަ ތަރައްގީ ގެނެސްދިން ރައީސެއް ޑރ. މުއިއްޒަކީ. ޑރ. މުއިއްޒު ވައުދުވުމުން ވައުދު ފުއްދާނެ ކަމަށް ގަބޫލުކުރަން. ޕްލޭނާ އެއްގޮތަށް ގޮސްފި ނަމަ އައްޑޫއަށް އިގްތިސޯދީ ބޮޑެތި މަންފާތަކެއް ލިބިގެންދާނެ" ހުޅުމީދޫގައި ދިރިއުޅޭ ޒައީމާ އަދުނާން (55އ) ބުންޏެވެ.

އިއްޔެއަކީ އައްޑޫއަށް މުހިންމު އަދި ތާރީހީ ދުވަހެކެވެ. އައްޑޫ ރައްޔިތުންގެ ޒަމާންވީ އުންމީދެއްގައި ކުލަޖެހުމުގެ ހަގީގީ މަސައްކަތް ފެށުނު ދުވަހެވެ. 14 ކިލޯމީޓަރުގެ ދިގު ބުރިޖެއް ހެދުމުގެ ސާވޭ ހެދުމުގެ މަސައްކަތް ސަރުކާރުން މި ވަނީ މިސްރުގެ އަރަބް ކޮންޓްރެކްޓާސް ކުންފުންޏާ ހަވާލުކޮށްފަ އެވެ. އެ ތާރީހީ އުފާވެރި އެއްބަސްވުމުގައި ސޮއިކުރީ ހުޅުމީދޫގައި، އެ ރަށު ރައްޔިތުންގެ ކުރިމަތީގައެވެ.

އެ ބުރިޖާ މެދު އެންމެ ބޮޑު އުންމީދެއް ކުރައްވަނީ އައްޑޫގެ މޭޔަރު އަލީ ނިޒާރެވެ. ނިޒާރު ދެކެވަޑައިގަންނަވާ ގޮތުގައި ޒަމާނީ އުމްރާނީ ތަރައްގީއަކީ އިގްތިސޯދެއް ކުރިއަރައިގެންދާނެ އެންމެ ބޮޑު ސަބަބެވެ. ބުރިޖުގެ ސާވޭ ހެދުމުގެ މަސައްކަތް އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނިޒާރު ވިދާޅުވީ ޗައިނާ، ޗައިނާއަކަށްވީ އެ ގައުމުގެ އުމްރާނީ ތަރައްގީގެ ސަބަބުން ކަމަށެވެ. ޗައިނާއިން އެ މަސައްކަތްތައް ފެށިއިރު އެކަމާ ބައެއް މީހުން ސުވާލު އުފެއްދި ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ދެކެވަޑައިގަންނަވާ ގޮތުގައި ބުރިޖަކީ އައްޑޫގެ ތަރައްގީގެ ބިންގާއެވެ. ބުރިޖާއެކު ތަރައްގީގެ ރޮނގުން އައްޑޫ ފަހައި އަތުލެވޭނެ އެހެން ބަޔަކު ނުތިބޭނެއެވެ.

"ހިޔާލުތަފާތުވުންތަކާއެކު ވެސް އަޅުގަނޑުމެން ކައުންސިލުން މިތިބީ މިކަން ކުރަން. އައްޑޫ ބޭނުންވާ ތަރައްގީ އަންނަނީ ބުރިޖާއެކު" ނިޒާރު ވިދާޅުވިއެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ބޮޑެތި އުމްރާނީ މަޝްރޫއުތަކަށް ހަރަދުވާ ފައިސާ ދައުލަތަށް އަނބުރާ ނުލިބޭކަމުގެ ޝަކުވާ ގިނަ ބަޔަކުރާ ކަމަށެވެ. ނަމަވެސް އެފަދަ މަޝްރޫއުތަކުން ނުސީދާކޮށް އިގްތިސޯދަށް ފައިދާ ވާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން މާލެ ހުޅުލެ ބުރިޖު ފާހަގަކުރައްވައި މުއްތަލިބު ވިދާޅުވީ ސިނަމާލެ ބުރިޖާއެކު ހުޅުމާލޭގައި ބިމުގެ އަގުބޮޑުވެ، ވިޔަފާރި ފުރުސަތުތައް އިތުރުވެގެން ދިޔަ ކަމަށެވެ. ސިނަމާލެ ބުރިޖު ހެދުމަށް ހިނގި ހަރަދަށްވުރެ ބޮޑު އެއްޗެއް އެ ބުރިޖުގެ ސަބަބުން އިގްތިސޯދަށް ވަނީ ވެދެފައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އައްޑޫ ބުރީޖަކީ އައްޑޫގެ އިގްތިސޯދީ ފެށުން އަދި އައްޑޫގެ ތަރައްގީގެ ފެށުމަށް ކަމަށް" މުއްތަލިބު ވިދާޅުވިއެވެ.

އައްޑޫގެ ގިނަ ރައްޔިތުން ވެސް ދެކެނީ އެ މީހުން ދެކެމުންއައި ތަރައްގީގެ ހުވަފެންތައް ބުރިޖާއެކު ހަގީގަތަކަށް ވެގެންދާނެ ކަމަށެވެ. މިހާރު އައްޑޫގެ ގިނަ ރައްޔިތުން އިހުސާސް ގުޅިފައިވަނީ އައްޑޫ ބުރިޖާއެވެ. ބުރިޖާއެކު ދަތުރުފަތުރު ފުޅާވެ، އާބާދީ އެއްފަސްކުރެވި، ވިޔަފާރިތައް އިތުރުވެގެންދާނެ ކަމަށް އައްޑޫ ސިޓީގެ ގިނަ މީހުން ގަބޫލުކުރެއެވެ.