އަންނަ ރޯދަމަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމާފައިވާތީ، އެކަން ބަދަލުކޮށް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގޮވާލައްވައިފިއެވެ.
ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުތައް ބާއްވަން ވާނީ ރައްޔިތުންގެ ބައިވެރިވުން ބޮޑުވާނެ ގޮތަކަށް ބަލައިގެން ކަމަށެވެ.
"ރައްޔިތުންގެ ވަކީލުން ހޮވުމުގެ އިންތިހާބު ރަމަޟާން މަހު ބޭއްވީމާ އެ ދަތިކުރެވެނީ ވޯޓުދިނުމުގެ އަސާސީ ހައްގުގެ ބޭނުންކުރުމަށް. އިންތިހާބު ފަސްކުރުމަށް ފާސްކުރި ބިލް ވަގުތުން ތަސްދީގުކުރަން ޖެހޭ،" ފައްޔާޒު ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީގެ މެންބަރު އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝިފާއު މަޖިލީހަށް ހުށަހެޅުއްވި، ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެންނަން ބިލް މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.
މަޖިލީހަށް އެ ބިލު ހުށަހަޅުއްވަމުން އޭނާ ވިދާޅުވެފައިވަނީ، މިއީ މިހާރު ގާނޫނު އޮތް ގޮތުން މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ ރަމަޟާން މަހާ ދިމާވާތީ ކުރިމަތިވާނެ ދަތިތަކަށް ހައްލު ހޯދުމަށްޓަކައި ހުށަހެޅުއްވި ބިލެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަމަޖައްސާފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމަށެވެ. އެއީ ރަމަޟާން މަހުގެ ހަތްވަނަ ދުވަހެވެ.
ރޯދަމަހު އެވަރުގެ ބޮޑު އިންތިހާބެއް ބާއްވައިފިނަމަ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، ގިނަ ބަޔަކު ވޯޓުލުމަށް ނުނިކުމެދާނެކަމުގެ ކަންބޮޑުވުން އޭނާ ވަނީ ފާޅުކުރައްވައިފައެވެ. އެކަމާ ގުޅިގެން އީސީން ބުނެފައި ވަނީ ރޯދަ މަހުގެ ފަހަށް އިންތިހާބު ފަސް ކުރެވޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށެވެ.
އެހެންވެ ރޯދަމަހު އިންތިހާބު ނުބޭއްވޭ ގޮތަށް އިސްލާހު ގެނެސްފައިވަނީ އެ ގާނޫނުގެ 43 ވަނަ މާއްދާއަށެވެ.
އެ މާއްދާގެ (ހ) ގައި ބުނަނީ އިންތިހާބެއްގައި ވޯޓު ނަގާ ދުވަހާއި ވޯޓު ނަގާ ގަޑި އަދި އާންމު އުސޫލެއްގެ ގޮތުން ވޯޓު ނަގައި ނިންމާ ގަޑި އާއި ވޯޓު ގުނަން ފަށާ ގަޑި ކަނޑައަޅައި އިއުލާން ކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.
އޭގެ ފަހަތަށް ދެ އަކުރެއް އިތުރުކުރަން ބިލުގައި ހިމަނާފައިވާ އިރު، (ށ)ގެ ގޮތުގައި ހިމަނާފައިވާ އިސްލާހުގައި ބުނެފައިވަނީ، މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ރަމަޟާން މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވައިގެން ނުވާނެ ކަމަށެވެ. އަދި އިންތިހާބު ބާއްވަންޖެހޭ ތާރީހު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާނަމަ އެ އިންތިހާބެއް ބާއްވަން ވާނީ ރަމަޟާން މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށެވެ.
މި މާއްދާގެ (ނ)ގެ ގޮތުގައި އިތުރު ކުރި އިސްލާހުގައި ބުނަނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި އެ އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވެއްޖެ ނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިންތިހާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލު ގެނެސް އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެ ކަމަށެވެ.
އިންތިހާބެއްގައި ކުރިމަތިލުމަށް ހުށަހަޅާ ފަރާތްތަކުގެ ކެނޑިޑެސީ އިލެކްޝަނުން ބަލައިގަނެ ކެނޑިޑޭޓުންގެ ނަންބަރުތައް އާއްމުކޮށް އިއުލާންކުރާ ތާރީހުން ފެށިގެން އިންތިހާބު ބާއްވަން ކަނޑައަޅާ ތާރީހާ ދެމެދު، ތާއީދު ހޯދުމަށް މަސައްކަތް ކުރުމަށްޓަކައި ކެނޑިޑޭޓުންނަށް 30 ދުވަހުގެ މުއްދަތެއް ނުލިބޭގޮތަށް އިންތިހާބު ބާއްވައިގެން ނުވާނެ ކަމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
މި ބިލުގައި ގާނޫނާ ހިލާފުވާ ފަރާތްތަައް ޖޫރިމަނާ ކުރުމަށް ކުރިން ހިމަނާފައިވާ އަދަދުތައް ވަނީ ދެ ލައްކަ ރުފިޔާއިން މައްޗަށް ބޮޑުކޮށްފައެވެ.
މި ބިލަށް ވެރިކަން ހިންގާ ޕީއެންސީން ވަނީ ދެކޮޅު ހަދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު