މިދިޔަ ސަރުކާރުން އަށް ބިލިއަން ރުފިޔާ ޗާޕުކުރި ކަމަށާއި އަދިވެސް ރާއްޖޭގެ މާލީ ހާލަތު އޮތީ ނުރައްކާ ހާލަތެއްގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ފޭދުއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފައިސާ ޗާޕުކުރުން ހުއްޓާލުމަކީ ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދު ކަމަށާއި އިގުތިސާދީ ގޮތުން ކުރިއަށްދިއުމަށް އެއީ އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ.

"މިއަދު ވެސް ގައުމުގެ ފިސްކަލް ހާލަތު، މާލީ ހާލަތު އޮތީ މި ދެންނެވި އަނދަވަޅުގައި އޮތުމުގެ ސަބަބުން ވަރަށް ނުރައްކާތެރި ހިސާބެއްގައި. އެހެންނަމަވެސް އެ ނުރައްކާ އިތުރަށް ބޮޑުވީސް، އިތުރަށް ފައިސާ ޗާޕުކުރަމުން އަޅުގަނޑުމެން ފަސޭހަ ގޮތް ހިޔާރުކޮށްގެންދިޔަނަމަ. ފައިސާ ޗާޕުކުރުން މިދިޔަ ސަރުކާރުން ކުރި މިންވަރަކީ އޭގެ ކުރީ 40 އަހަރު ފައިސާ ޗާޕުކުރި އަދަދަށްވުރެ، އެ ފަސް އަހަރު ޗާޕުކުރި އަދަދު ގިނަ. އަށް ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމުގެ އިގުތިސާދު މިއޮތީ އިންތިހާ ފުން ވަޅުގަނޑެއްގައި ކަމަށާއި ހުވާކުރައްވަމުން ވެސް އެކަން ފާހަގަކުރެއްވީ ރެކޯޑަށްޓަކައި ކަމަށެވެ. އަދި އޭރު އެކަން ފާހަގަކުރެއްވީ މި ސަރުކާރު ފަށަނީ 120 ބިލިއަން ރުފިޔާގެ ދަރަނިންކަން ބަޔާންކުރުމުގެ ގޮތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެން މިއަދު އެއީ ހަގީގަތެއް ނޫން ކަމަށް ބަޔާންކުރަން އެކަން ކުރި ބޭފުޅުން ތެދުވީމާ، ދެން ރައްޔިތުން އެއަށް ދޭން އޮތް ޖަވާބު ދެއްވަންވީ. އެބޭފުޅުން އަނެއްކާވެސް މި އަންނަނީ ތިމަންނަމެންނަށް ފުރުސަތު ދޭން މަޖިލިސް އިންތިހާބުގައި މިސާލަކަށް، ނޫނީ އެހެން ކަމެއްގައި ވިޔަސް. މިއީ ރައްޔިތުން ތިމަންނަމެން ވައްޓާލާފައި މިއޮތް 120 ބިލިއަންގެ އަނދަވަޅުން، ތިމަންނަމެންނެއް ނޫނޭ އެކަން ކުރީ ބުނާ ފަދައިން މި އަންނަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި އިގުތިސާދީ އެޖެންޑާއެއް ހުށަހެޅުއްވީ ބޮޑު އަނދަވަޅެއްގައި އޮތުމުން ކަމަށާއި ދަރިންގެ ބޮލުގައި، އަންނަން އޮތް ޖީލުތަކުގެ ބޮލުގައި އޭރު އޮތީ ދަރަނި އެޅި ނިމިފައި ކަމަށެވެ. އަދި ރައްޔިތުން ސަރުކާރު ބަދަލުކުރީ އެގޮތް ބޭނުންނުވާތީ ކަމަށް ވެސް ވިދާޅުވިއެވެ.