ޒަބީ އެލޯންސޯގެ ކޯޗުކަމުގެ ދަށުން ކުޅެމުންދާ ބަޔާން ލެވަކޫސައިންއިން ލީގުގައި ރޭ ކުޅުނު މެޗުގައި ހެއިޑެންހެމް ކައިރިންވެސް މޮޅުވެ، ބަލިނުވެ ދަމަހައްޓަމުން އައި ސިލްސިލާ ދަމަހައްޓައިފިއެވެ.

ލެވަކޫސަންއިން ރޭ ރަށުން ބޭރުގައި ހެއިޑެންހެމް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ، ލެވަކޫސަން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 22 މެޗުން 58 ޕޮއިންޓާއެކުގައެވެ. އެޓީމު އަދި މިހާތަނަށް ލީގުގައިވެސް ބަލިވެފައި ނުވާ އިރު، އެއްވަރުވީ އެންމެ ހަތަރު މެޗުންނެވެ.

ބަޔާން މިއުނިކް އަދި މިހަފުތާގެ މެޗު ކުޅެފައި ނުވާ އިރު، އެޓީމު ދެވަނައިގައި އޮތީ 21 މެޗުން 50 ޕޮއިންޓާއެކުގައެވެ. ބަންޑަސްލީގާ ތާވަލުގެ ތިންވަނައިގައި ސްޓަޓްގާޓް އޮތް އިރު، ޑޯޓުމަންޑް ވަނީ ހަތަރު ވަނައިގައި މަގާމު ދަމަހައްޓައިފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ލެވަކޫސަންއަށް ލީޑު ނަގައިދިނީ ޖެރެމީ ފްރިމްޕޮންގެވެ. އޭނާ ފޮނުވާލި ހަމަލާ ކުޅުންތެރިޔަކު ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޯލަށް ވަދެފައިވާ އިރު، ދެވަނަ ހާފުގައި އަމީން އަދްލީ ޖެހި ގޯލުން ލެވަކޫސަން ލީޑު ފުޅާކުރިއެވެ. ރޭގެ މެޗުގައި ހެއިޑެންހެމްގެ ގޯލު ޖަހައިދިނީ ޓިމް ކްލެއިންޑީންސްޓެވެ.

ޖަރުމަނުގެ ޓީމަކަށް މީގެ ކުރިން އެންމެ ގިނަ މެޗުގައި ބަލިނުވެ ކުޅެވުނީ 32 މެޗެވެ. އެއީ ހާންސީ ފްލިކްގެ ކޯޗުކަމުގެ ދަށުން 2019 ވަނަ އަހަރުން 2020 ވަނަ އަހަރު ބަޔާނުން ހެދި ރެކޯޑެކެވެ. ލެވަކޫސަން މި ސީޒަނުގައި ކުޅުނު 32 މެޗުންވެސް އަދި ބަލިވެފައި ނުވާ އިރު، އެންމެ މެޗަކުން ބަޔާންގެ ރެކޯޑު މުގުރާލަން އެޓީމަށް ފުރުސަތު އެބައޮތެވެ.

ލެވަކޫސަންއިން މަސައްކަތް ކުރަނީ ކްލަބުގެ ފުރަތަމަ ލީގު ތަށި ހޯދުމަށެވެ. މީގެ ކުރިން އެޓީމުން ވަނީ ދެވަނަގައި ފަސް ސީޒަނެއްގައި ނިންމާލައިފައެވެ.