މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން މާދަމާ ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ކުރިއަށް ގެންދާނީ އިންތިހާބާ ބެހޭ މަރުކަޒުގައި ކަމަށެވެ.
"އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތު ނަގާ ތަނަށް ވަޑައިގެންދެއްވުން އެދެމެވެ. ކެންޑިޑޭޓަށް ހާޒިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއެކު ވަޑައިގެންދެއްވުން އެދެމެވެ. އެހެން ނަމަވެސް، ކެންޑިޑޭޓު ނުވަތަ ބަދަލުގައި ބޭފުޅަކު ހާޒިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން،" އީސީން ބުންޏެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު "ވަން" އަށް އިއްޔެ ވިދާޅުވެފައިވަނީ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް 381 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
"ޖުމުލަ 381 ފޯމު ވަނީ ހުށަހަޅާފައި. މިއަދު ހުށަހެޅި 86 ފޯމު،" ހަބީބު ވިދާޅުވެފައިވެއެވެ.
އޭގެ ތެރެއިން މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާ މީހުންގެ ފޯމުތައް އީސީން ބާތިލުކުރާނެއެވެ. އެހެންކަމުން އެ އަދަދަށް ބަދަލު އައުން އެކަށީގެންވެއެވެ.
މިއަހަރުގެ މަޖިލިސް އިންތިހާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.
އަންނަ މަހުގެ 17 ގައި މަޖިލިސް އިންތިހާބު ބާއްވަން އީސީން މީގެ ކުރިން ނިންމާފައިވީ ނަމަވެސް، އިންތިހާބާ ބެހޭ ގާނޫނަށް އެމްޑީޕީން ހުށަހަޅައިގެން މި ފަހުން މަޖިލީހުން އިސްލާހު ގެނެސްފައިވަނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު