ރަޖިސްޓްރީ ނުކޮށް ހިންގާ ނޫސްތަކެއް ކަމަށްވާ ކުރުސީ، ދިޔަވަރު އަދި ދޮންއަމާއަށް ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ.

ކުރުސީ އާއި ދިޔަވަރު ވަނީ މީގެ ކުރިން ސަރުކާރުން ބްލޮކްކޮށްފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކާއި ޖަމިއްޔާތަކާއި ބައެއް އާންމުންގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމުން ފަހުން ވަނީ އެ ދެ ވެބްސައިޓް އަންބްލޮކްކޮށް ދޫކޮށްލައިފައެވެ.

އެމްއެމްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކައުންސިލް ގާނޫނުގެ 36 ވަނަ މާއްދާގައި މައުލޫމާތާއި ހިޔާލާއި ހަބަރު ފެތުރުމަށްޓަކައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެންނާއި ނުކޮށް ހިންގާ ވެބްސައިޓުތަކަކީ ވެސް "މީޑިއާ" ކަމުގައި މާނަ ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ފަރާތްތައް މޮނިޓާ ކުރުމަކީ އެ ކައުންސިލްގެ މެންޑޭޓްގެ ތެރޭގައި ހިމެނިފައި އޮތް ކަމެއް ކަމަށެވެ.

މީޑިއާއެއް ގޮތުގައި ރަޖިސްޓްރީ ނުކޮށް ހިންގާ dhiyavaru.com އާއި kurusee.com އަދި dhonamaa.com ވެބްސައިޓުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުން އަންނަ ކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާ ލިބެމުން އަންނަ ކަމަށް އެމްއެމްސީން ބުންޏެވެ.

އެމްއެމްސީން ބުނީ އެ ކައުންސިލުން އަބަދުވެސް ބާރު އަޅަނީ ރާއްޖޭގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ވީއެންމެ ފުޅާ މިނެއްގައި ހުޅުވާލާފައި އޮތުމަށެވެ. އެހެން ނަމަވެސް ކަމުގެ ހަގީގަތް ނުބަލައި އަދި ކަމާ ގުޅޭ ފަރާތްތަކުން މައުލޫމާތު ސާފު ނުކޮށް، ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ އެ ކައުންސިލުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

"މަތީގައި ދެންނެވުނު ވެބްސައިޓްތަކާ ގުޅޭ ގޮތުން މި ކައުންސިލަށް ލިބިފައިވާ ބައެއް ޝަކުވާތަކަށް ބަލާއިރު ހަގީގަތާ ހިލާފު މައުލޫމާތު ހުރިކަން މިހާތަނަށް ވަނީ ފާހަގަ ކުރެވިފައެވެ. އެ މައްސަލަތައް ބަލަމުން އަންނަ ވަރަކަށް މި ކައުންސިލްގެ ނިންމުންތައް އާންމު ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ،" އެމްއެމްސީން ބުންޏެވެ.

އެމްއެމްސީން ބުނީ ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށް ޓަކައ،ި ކަމާ ގުޅޭ އުސޫލެއް ހަދަން ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި މީޑިއާތަކާއި ކަމާގުޅޭ ޖަމިއްޔާތަކާއި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތައް އަދި އާންމުންގެ ހިޔާލާއެކު އެ މަސައްކަތް ވަރަށް އަވަހަށް ކުރިޔަށް ގެންދާނެ ކަމަށްވެސް ބުންޏެވެ.

އެމްއެމްސީން ބަނީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހިޔާލު ފާޅު ކުރުމުގެ ހައްގު އެންމެ ފުރިހަމަ ގޮތެއްގައި ބޭނުން ހިފާ އިރު، އެހެން ފަރާތްތަކުގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް މުޖުތަމައު ތެރޭ ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ކަންކަން ތަކުރާރުކޮށް ކުރާ ފަރާތްތަކާ މެދު ގާނޫނާއި ގަވައިދުތަކާއި ހެދިފައި ހުރި އުސޫލުތަކުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް ބުންޏެވެ.