މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ ތެރެއިން ނަން ނަގަން ބޭނުންވާ ކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ކެންޑިޑޭޓުންނަށް މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ 14:00 ކުރިން ނަން އަނބުރާ ގެންދިއުމަށް ފޯމު ހުށަހަޅަންވާނެ ކަމަށެވެ.
ނަން އަނބުރާ ގެންދިއުމަށް ހުށަހަޅަންޖެހޭ ފޯމު އީސީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު "ވަން" އަށް މިއަދު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް 381 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
"ޖުމުލަ 381 ފޯމު ވަނީ ހުށަހަޅާފައި. މިއަދު ހުށަހެޅި 86 ފޯމު،" ހަބީބު ވިދާޅުވިއެވެ.
އޭގެ ތެރެއިން މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާ މީހުންގެ ފޯމުތައް އީސީން ބާތިލުކުރާނެއެވެ. އެހެންކަމުން އެ އަދަދަށް ބަދަލު އައުން އެކަށީގެންވެއެވެ.
މިއަހަރުގެ މަޖިލިސް އިންތިހާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.
އަންނަ މަހުގެ 17 ގައި މަޖިލިސް އިންތިހާބު ބާއްވަން އީސީން މީގެ ކުރިން ނިންމާފައިވީ ނަމަވެސް އިންތިހާބާ ބެހޭ ގާނޫނަށް އެމްޑީޕީން ހުށަހަޅައިގެން މި ފަހުން މަޖިލީހުން އިސްލާހު ގެނެސްފައިވަނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު