ރައީސް ޑރ. މުހައްމަދު މުއިއްޒު، ތުރުކީވިލާތުގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކޮށްފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ "ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވާފައިވާ ކަމަށެވެ.

ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކުރީ ރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ފުޅާކޮށް، ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިގުތިސޯދީ އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރިއެރުވުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް މުއިއްޒުގެ ކެބިނެޓުން، ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކުރުމަށް ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގައެވެ.

  • ތުރުކީގައި ދިވެހިރާއްޖެ ތަމްސީލުކޮށް، އެ ގައުމުގައި ދިވެހިރާއްޖޭގެ ގައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތްކުރުން
  • ތުރުކީއަށް ޒިޔާރަތް ކުރާ ދިވެހިންނާއި ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް، ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން
  • ތުރުކީ ސަރުކާރުގެ އިސްފަރާތްތަކާއި، ޕާލަމަންޓް މެންބަރުންނާއި، މީޑިއާގެ ފަރާތްތަކާއި، ތުރުކީގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެ ފަރާތްތަކަށް ރާއްޖެ ތައާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން
  • ތުރުކީގައި ހިންގާ މުހިންމު ސިޔާސީ، އިގުތިސޯދީ ކަންކަމާއި އެނޫންވެސް މުހިންމުވާނެ ކަމަށް އެމްބަސީއަށް ފެންނަ ކަންކަމާބެހޭ ރިޕޯޓު ފޮނުވަންޖެހޭ ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް، ލަސްނުކޮށް ފޮނުވުން
  • ތުރުކީގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާބެހޭ މައުލޫމާތު ދީ އިންވެސްޓަރުން ރާއްޖެ ގެނައުމަށް މަގުފަހިކުރުމަށް، ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައްކުރުން. އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ތުރުކީގައި ހުރި ފުރުސަތުތަކާބެހޭ މައުލޫމާތުދީ އެފަދަ އިންވެސްޓަރުންނަށް ތުރުކީގައި ހުރި ފުރުސަތުތައް ތަނަވަސްކޮށް ދިނުމަށް ދެ ގައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރެވެންހުރި ކަންތައްތަކަށް މަގުފަހިކޮށްދިނުން
  • ތުރުކީގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާއީ ހަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތުތައް ކުރިއެރުވުމަށް އެފަދަ ފުރުސަތުތައް ބޭނުންކުރުން
  • ރާއްޖޭގެ މިނިވަން ދުވަހާއި، ގައުމީ އެހެނިހެން ދުވަސްތައް ތުރުކީގައި ފާހަގަކުރުން
  • ތުރުކީ ސަރުކާރުންނާއި އެކިއެކި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި އަމިއްލަ އެކިއެކި ޖަމާއަތްތަކުން ބާއްވާ ޖަލްސާ، ސެމިނާ އަދި ވޯކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަންގަވާ ގޮތެއްގެމަތިން ރާއްޖެ ތަމްސީލުކުރުން
  • ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ތުރުކީ ސަރުކާރަށް ހުށަހަޅުއްވާ މަޝްރޫއުތައް ވިލަރެސްކުރުން
  • މީހުން ބިނާކުރުމަށް ތުރުކީން އިތުރު ފުރުސަތުތައް ހޯދުމުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  • އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި އެނޫންވެސް، މައުލޫމާތު ހުރި ލިޔެކިޔުން، އެމްބަސީގެ ލައިބްރަރީއަށް ޖަމާކޮށް، ބެލެހެއްޓުން
  • ތާރީހަށްޓަކައި އަދި އެނޫންވެސް ކަމަކަށް ބޭނުންވެދާނެކަމަށް ފެންނަ ލިޔެކިޔުންތަކާއި، އެނޫންވެސް އެފަދަ ތަކެތި އާކައިވްކޮށް ބެލެހެއްޓުން
  • ސަރުކާރުގެ ފަރާތްތަކުން ތުރުކީ ސަރުކާރަށާއި، ތުރުކީގައި ހުންނަ އެހެން ގައުމުތަކުގެ މިޝަންތަކަށާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން
  • ރަސްމީ ދަތުރުފުޅުތަކުގައި ތުރުކީއަށް ވަޑައިގަންނަވާ ސަރުކާރުގެ އިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލުތަކުގެމަތިން ޕްރޮޓޮކޯލް ހިދުމަތް ފޯރުކޮށް ދިނުން
  • މިނިސްޓްރީން އަންގަވައިފި ހިނދެއްގައި، ދިވެހިރާއްޖޭގެ ޝަރުއީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހަކު، ތުރުކީއަށް އެތެރެވިތޯ ނުވަތަ ނޫންތޯ، ތުރުކީގެ ފޮރިން މިނިސްޓްރީއާ ގުޅައިގެން ބެލުމަށް މަސައްކަތްކުރުން
  • ތުރުކީގައި އުފަންވާ ދިވެހި ކުދިން ރާއްޖެ ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން
  • ހާލުގައި ޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން
  • ތުރުކީ ސަރުކާރުގެ އެކިއެކި ޕުރޮގުރާމުގެ ދަށުން ތުރުކީގައި ކިޔަވާ ކުދިންނާއި، ދިވެހި ސަރުކާރުގެ ހަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ހަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށް ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން
  • ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން، އެމްބަސީގެ ދަށުން މޯލްޑިވްސް ސެންޓަރުތައް ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ހިދުމަތްތައް ވިލަރެސްކުރުން
  • ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ތުރުކީގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރު ކުރެވެން ހުރި ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން
  • ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިގުތިސޯދީ އަދި ތަރައްގީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މައުލޫމާތު، ތުރުކީގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން
  • މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން