ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ މަޖިލީހަށް އެޖެންޑާކުރުން ފަސްކޮށްފިއެވެ.

މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން އެ މަގާމުތަކަށް އައްޔަން ކުރެއްވުމަކީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ބާރުވެރިކަމަށް ގޮން ޖައްސަވައި، ގާނޫނުއަސާސީއާއި ގާނޫނާ ހިލާފަށް ރައީސް މުއިއްޒު ނިންމަވާފައިވާ ނިންމެވުމެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވަނީ މިއަދު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، މަޖިލީހުގެ ރިޔާސަތުން އެންގެވި އެންގެވުމެއްގެ ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ދެ ވަނަ ފަހަރަށް އެ ތިން ވަޒީރުން އައްޔަންކުރި މައްސަލައާ މެދު މަޖިލީހުން އަމަލު ކުރަން ފެންނަ ގޮތެއް އެ ގަރާރު މަޖިލީހުން ފާސްކުރުމުން އެނގިގެންދާނެ ކަމަށެވެ.

އެހެންކަމުން އެ ގަރާރުގެ މަސައްކަތް ނިމި މަޖިލީހުން ވަކި ގޮތެއް ކަނޑައަޅަން ދެން ތިން ވަޒީރުން އަލުން އައްޔަން ކުރައްވައި ފޮނުއްވާފައިވާ މައްސަލަ ތާވަލު ކުރުން ފަސްކުރަން ނިންމަވާފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނުގެ ކެބިނެޓަށް އައްޔަން ކުރެއްވި 22 ވަޒީރުންނަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވުމާ ގުޅިގެން، ދައުރުން ބޭރުން މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވައި، ހުސްވި ޖެނުއަރީމަހުގެ 29 ގައި ތިން ބޭފުޅުން ފިޔަވައި ދެން ތިއްބެވި ބޭފުޅުންނަށް ރުހުން ދޭން ފާސްކުރިއެވެ.

މަޖިލީހުން ރުހުން ނުދޭން ފާސްކުރި ބޭފުޅުގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. މަޖިލީހުން ރުހުން ނުދިން ނަމަވެސް ހމަ އެދުވަހު އެބޭފުޅުން ހަމަ އެމަގާމުތަކަށް ރައީސް ޑރ. މުއިއްޒު އައްޔަން ކުރެއްވިއެވެ. އަދި އެ ބޭފުޅުން ހަމ އެދުވަހު މަގާމުގެ ހުވައިވެސް ކުރެއްވިއެވެ.

އެ ތިން ބޭފުޅުނަށް ރުހުން ދިނުމަށްޓަކައި އެ މައްސަލަ މަޖިލީހަށް ފޮނުއްވާފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހުއެވެ.