(9 ފެބުރުއަރީގެ އަދަދާ ގުޅޭ)

އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަހަންނާ މުޚާޠަބުކުރައްވައި ޙަދީޘު ކުރެއްވިއެވެ. "އޭ عـائشـــة އެވެ! ކަމަނާއާ ބެހޭގޮތުން މިވެނި ޚަބަރެއް ތިމަންކަލޭގެފާނަށް ލިބިވަޑައިގެންފިއެވެ. ކަމަނާގެ ކުށެއް ނެތްކަމުގައިވާނަމަ، މާތް اللّــــه ކަމަނާ ބަރީއަ ކުރައްވާނެކަމަށް އުންމީދު ކުރައްވަމެވެ. ކަމަނާއަށް ކުށެއް ކުރެއްވިފައިވާނަމަ، اللّــــه އަށް ތައުބާވެވަޑައިގަންނަވާށެވެ. އެކަލާނގެ ޙަޟްރަތުން ޢަފޫކުރެއްވުން އެދިވަޑައިގަންނަވާށެވެ. އަޅާ އޭނާގެ ފާފަޔަށް އިޢުތިރާފުވެ، ތައުބާވުމުން އެކަލާނގެ ޢަފޫކޮށްދެއްވާނެއެވެ." އެވާހަކަފުޅު އިވުމުން އަހަރެންގެ ލޮލުގައިހުރި ކަރުނަ ހިކިއްޖެއެވެ. ތެދުވެ އިށީނދެ، އަހަރެންގެ ބައްޕާފުޅުގެ އަރިހު ދެންނެވީމެވެ. މާތް اللّــــه ގެ ރަސޫލާއަށް ޖަވާބު ދެއްވާށެވެ! ބައްޕާފުޅު ވިދާޅުވިއެވެ. "ދަރިފުޅާއެވެ! ދަންނަވާނެ އެއްޗެއް ބައްޕަގެ ވިސްނުމަކަށް ނާދެއެވެ." އަހަރެން މަންމާފުޅުގެ އަރިހުގައި ދެންނެވީމެވެ. އަޅުގަނޑު ބުއީ މަންމާފުޅުގެ ކިރުފޮދެވެ. ބޮޑުވެ ތަރުބިޔަތުވީ މަންމާފުޅުގެ އުނގުފުޅުގައެވެ. ކުޅެއުޅުނީ މަންމާފުޅުގެ ގޯތިތެރޭގައި، މަންމާފުޅުގެ ކުރިފުޅުމަތީގައެވެ. ކޮންމެވެސް އެއްޗެކޭ ވިދާޅުވާށެވެ! މަންމާފުޅުވެސް ދެއްވީ ހަމަ އެޖަވާބެވެ. ވިދާޅުވިއެވެ. "ދަރިފުޅާއެވެ! ދަންނަވާނެ އެއްޗެއް މަންމަޔަކަށް ނޭނގެއެވެ. މަންމަ މިއިނީ ވަރަށް ބޮޑަށް ޙައިރާންވެފައެވެ."

އަހަރެން ވާހަކަދައްކަން ފަށައިފީމެވެ. ތިޔަބޭފުޅުންގެ ކަންފަތްޕުޅާ ހަމަޔަށް ވާހަކައެއް އައީއެވެ. އެވާހަކަ ހިތްޕުޅުގައި ހަރުލީއެވެ. އަޅުގަނޑަކީ ކުށެއްނެތް މީހެކޭ ދެންނެވިކަމުގައިވިޔަސް، ޤަބޫލުފުޅެއް ނުކުރައްވާނޫއެވެ. ޙަޤީޤަތުގައިވެސް އަޅުގަނޑަކީ ކުށެއްނެތް މީހަކީމެވެ. އެކަމަށް މާތް اللّــــه ހެކިވެވޮޑިގެންވެއެވެ. އަޅުގަނޑު ނުކުރާ ކަމަކަށް އިޢުތިރާފުވެއްޖެނަމަ، (ތިޔައީ އަޅުގަނޑު ނުކުރާ ކަމެއްކަން، އެކަލާނގެ ދެނެވޮޑިގެންވެއެވެ.) ތިޔަބޭފުޅުން ޤަބޫލުކުރައްވާނޫއެވެ. އެވަގުތު يـعـقــــوب عــلــيـــه الـسّــلام ގެ ނަންފުޅު ހަނދާންކުރަން އަހަރެން އުޅުނީމެވެ. ނަމަވެސް ހަނދާނަކަށް ނައެވެ. އަހަރެން އެންމެފަހުން ދަންނަވައިފީމެވެ. މިފަދަ ޙާލަތެއްގައި އަޅުގަނޑަށް ދެންނެވޭންއޮތީ، يــوسف عــلــيـــه الـسّــلام ގެ ބައްޕާފުޅު، އެކަލޭގެފާނުގެ ދަރިކަލުން بـنـيـــامــيـــن ގެ އިސްތަށިފުޅުގައި ވައްކަމުގެ ތުހުމަތު އެޅުވުނުހިނދު، ވިދާޅުވި ފަދައިންނެވެ. ދެންއޮތީ "ރިވެތިވެގެންވާ ކެތްކުރުމެކެވެ."

މިހެން ބުނެފައި އަހަރެން އޮށޯވެ ބިތްދޮށަށް އެނބުރިއްޖައީމެވެ. އޭރު އަހަރެންގެ ހިތަށް އަރައެވެ. އަހަރެންގެ ކުށެއްނެތްކަން اللّــــه ދެނެވޮޑިގެންވެއެވެ. އެކަލާނގެ ޙަޤީޤަތް ހާމަކޮށްދެއްވާނެއެވެ. އެކަމަކު އަހަންނާ ބެހޭގޮތުން އެކަލާނގެ ވަޙީ ބާވައިލައްވައި، އެ ބަސްފުޅުތައް ޤިޔާމަތާ ހަމަޔަށް ކިޔެވެމުން ދާނެއެކޭ އަހަރެންގެ ހިތަކަށް ނާރައެވެ. ޚިޔާލަކަށްވެސް ނުގެނެވެއެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި، އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى އަހަރެންގެ ފަރާތުން ބަސް ވަޙީކުރައްވާ ވަރަށްވުރެ، އަހަރެން މާނިކަމެއްޗެވެ. އަހަރެން އުންމީދުކޮށްގެންހުރީ، މާތް اللّــــه سبحـــانــــه وتــعــــالــــى އިތުރު ސާހިބާއަށް ހުވަފެންފުޅެއް ދައްކަވައި، އަހަރެންގެ ކުށެއް ނެތްކަން ބަޔާންކޮށްދެއްވާނެކަމަށެވެ.

މާގިނައިރެއް ނުވެއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް ވަޙީ ލިބިވަޑައިގަންނަވާއިރު، އެކަލޭގެފާނުގެ ފަރާތްޕުޅުން ހާމަވާ ގޮތްކޮޅު ފެންނާން ފަށައިފިއެވެ. އެ ޙާލަތުގައި އެންމެ ފިނި މޫސުމުގައިވެސް، އިތުރު ސާހިބާގެ މޫނުފުޅުން މުތީތަކެއް ފަދައިން ދާފޮދުގެ ތިކިތައް ވިދާންފަށައެވެ. އަހަރެމެން އެންމެން ތިބީ ހަނުހިމޭނުންނެވެ. އަހަރެން ކުޑަކޮށްވެސް ބިރެއް ނުގަނެއެވެ. އެކަމަކު އަހަރެންގެ ބައްޕާފުޅާއި މަންމާފުޅުގެ ހަށިކޮޅުގައި އެންމެ ލޭތިކެއްވެސް ނެތްކަހަލައެވެ. އެ ދެކަނބަލުން ތިއްބެވީ ވަރަށް ބިރުފުޅުންނެވެ. މާތް اللّــــه ހާމަކުރައްވާނީ ކޮންފަދަ ޙަޤީޤަތެއްކަން އެނގިވަޑައިނުގަންނަވާތީއެވެ.

ވަޙީ ލިބިވަޑައިގެންނެވުމުގެ ޙާލަތު ނިމުނުއިރު، ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ހުންނެވީ ވަރަށް އުފާފުޅުންނެވެ. ކައުސާހިބާ ހިނިވަރުނަ ކުރައްވަމުން އެންމެފުރަތަމަވެސް ޙަދީޘު ކުރެއްވިއެވެ. އޭ عـائشـــة އެވެ. މަރްޙަބާއެވެ! މުބާރިކުބާދީއެވެ. މާތް اللّــــه ކަމަނާ ބަރީއަކުރައްވައިފިއެވެ. އިތުރު ސާހިބާ އެއަށްފަހު ނޫރު ސޫރަތުގެ އެގާރަވަނަ އާޔަތުން ފެށިގެން އެކާވީސްވަނަ އާޔަތުގެ ނިޔަލަށް، (ދިހަ އާޔަތް) ވިދާޅުވެދެއްވިއެވެ.

އެވަގުތު އަހަރެންގެ މަންމާފުޅު ވިދާޅުވިއެވެ. ތެދުވެ، މާތް اللّــــه ގެ ރަސޫލާއަށް ޝުކުރު ދަންނަވާށެވެ. އަހަރެން ދެންނެވީމެވެ. އަޅުގަނޑު އެކަލޭގެފާނަކަށް ޝުކުރު އަދައެއް ނުކުރާނަމެވެ. ތިޔަ ދެކަނބަލުންނަކަށްވެސްމެއެވެ. އަޅުގަނޑު ޝުކުރު ދަންނަވާނީ، ހަމައެކަނި މާތް اللّــــه އަށެވެ. އެކަލާނގެ އަޅުގަނޑު ބަރީއަވެގެންވާކަން ބަޔާންކުރެއްވިއެވެ. ތިޔައިން ބޭފުޅަކު އެބޮޑު ބުހުތާނަށް އެންމެ ކުޑަމިނުން އިންކާރުވެސް ނުކުރެއްވީމުއެވެ. أمّ المــؤمــنـــيـــن މިހެން ވިދާޅުވި ވިދާޅުވުމަކީ އެއްވެސް ޙާލެއްގައި، ލޮބުވެތި ފިރިކަލުންނަށާއި ހަންހާރަވެތި ބައްޕާފުޅަށާއި މަންމާފުޅަށް އުރެދިވަޑައިގެންނެވުމެއް ނޫނެވެ. އަދި ކީއްތޯއެވެ. އެއީ އެފަދަ ތުހުމަތަކުން އެހައި ޞަރީޙަ ގޮތެއްގައި ޝަރަފުވެރިކަމާއެކު އެކަމަނާ ބަރީއަވެވަޑައިގެންނެވުމުން ފިރިކަލުންނަށާއި ބައްޕާފުޅަށާއި މަންމާފުޅަށް ނުހަނު މަޢުޞޫމް ގޮތެއްގައި ދައްކަވައިލެއްވި ފަރިއެކެވެ. ފާޅުކުރެއްވި އަދާއެކެވެ.

ޕްރޮޕެގެންޑާގެ މި ވަރުގަދަ ޠޫފާނާއި، އެ ޠޫފާނުގެ ސަބަބުން އުފެދުނު ހިތާމަވެރި ކަޅު އަނދިރިކަން ފިލުއްވައިލެއްވުމަށްޓަކައި ވިދައިގަތީ ވަޙީގެ ނޫރާނީ އަލިކަމެވެ. މުޖްތަމަޢުގެ ފިކުރީ ދުނިޔެއަށް އިލްހާމުގެ ފަތިހެއްގެ އަލިވިލިއްޖެއެވެ. ބަޔާންކުރަނިވި އާޔަތްތަކެއްގެ އަލި ދޯދިތައް، ރޫޙާނީ ފަޟާއެއް ފާންކުރަން ފަށައިފިއެވެ. އެ މަތިވެރި މަޤްޞަދުގައި ބާވައިލެއްވި ސޫރަތުގެ ނަމެއް ކަމުގައި ســـــورة الـــنّـــــــور ހަމަޖެހުނުކަމީވެސް ކިހައި މުނާސަބު ކަމެއްތޯއެވެ؟ އެ ސޫރަތުގައި ވަނީ ޖަމާޢަތާއި މުޖްތަމަޢުގެ ޙާލަތު ބަޔާންކުރައްވައިފައެވެ. މުޖްތަމަޢުގައި ހިމެނޭ ބަލިކަށިކަން ފާހަގަކުރައްވައިފައެވެ. މުސްތަޤިއްލު ގޮތެއްގައި އެ ބަލިކަށިކަމުން ސަލާމަތް ކުރެއްވުމަށްޓަކައި ޤާނޫނީ އަދި އަޚްލާޤީ އިރުޝާދުތައް ދެއްވައިފައެވެ.

އެ މަތިވެރި ސޫރަތް ފައްޓަވައިފައިވަނީ ސިއްސައިގެންދާފަދަ، އަންނަނިވި އާޔަތުންނެވެ.

"(މިއީ) ސޫރަތެކެވެ. ތިމަންރަސްކަލާނގެ އެ ސޫރަތް ބާވައިލެއްވީ އަދި އެ ސޫރަތުގައިވާ ކަންތައްތައް ކަނޑައަޅުއްވައި ފަރުޟުކުރެއްވީ، އަދި ފައުޅުވެ ބަޔާންވެގެންވާ ހެކިތައް، ތިމަންރަސްކަލާނގެ އެ ސޫރަތުގައި ބާވައިލެއްވީ ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ." (ســـــورة الـــنّـــــــور: 1)

އެދުވަހުން ފެށިގެން މަދީނާގެ ޖައްވުގައި ގުގުމަންފެށީ، الـــنّـــــــور ސޫރަތުގެ ނިދާގެ އަޑެވެ.

"ހަމަކަށަވަރުން، ބޮޑުވެގެންވާ ދޮގުވާހަކައާއިގެން އައި މީހުންނީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކުމީހުންނެވެ. އެއީ ތިޔަބައިމީހުންނަށް ހުރި ނުބަޔެއްކަމުގައި ތިޔަބައިމީހުން ހީނުކުރާށެވެ! އަދި ކިއެއްތަ! އެއީ ތިޔަބައިމީހުނަށް ހުރި ހެވެކެވެ. އެއުރެންކުރެ ކޮންމެ މީހަކަށްމެ، ފާފައިގެ ތެރެއިން އެމީހަކު ހޯދައިގަތް ކަމެއްވެއެވެ. އަދި އެއުރެންގެ ތެރެއިން އެކަމުގެ ބޮޑުބައި ލިބިގަތް މީހާ (ދަންނާށެވެ!) އޭނާއަށް ބޮޑުވެގެންވާ ޢަޛާބު ހުއްޓެވެ." (ســـــورة الـــنّـــــــور: 11)

ކިހައި ވަރުގަދަ އިންޒާރެއްތޯއެވެ. މިއާޔަތުގައި އަންގަވައިފައިމިވަނީ، އެއްވެސް ހެތްކެއް އަދި ޞަރީޙު ޤަރީނާއެއްވިޔަސް ނެތް މި ބޮޑުސިންގާ ދޮގު ވާހަކަ، ޠޫފާނެއް ފަދައިން ފަތުރައިލީ، ބޭރުންއައި ދުޝްމިނުންގެ ބަޔެއް ނޫންކަމެވެ. މުސްލިމުންގެ ވާދަވެރި ބަޔެއްވެސް ނޫންކަމެވެ. އަދި ކީއްތޯއެވެ؟ އަހަރުތަކެއްގެ ތަރުބިޔަތާއި ތަޢުލީމު ދެވިފައިތިބި މުސްލިމް ޖަމާޢަތުގެ ތެރެއިން ބަޔެއްކަމެވެ. އެއީ އެކަކު ދެމީހަކަށް އެޅުނު އާދައިގެ ކަތި ފިޔަވަޅެއްވެސް ނޫންކަމެވެ. މަހެއްހައިދުވަސް ވަންދެން ޖަމާޢަތެއްގެ ސިކުނޑީގައި ފޫދެމުން ހިކެމުންދިޔަ ދިޔަވަރެއްގެ އޮއިވަރެއްކަމެވެ. އެ އާޔަތުގައި ބަޔާންކުރައްވަނީ، މުސްލިމް ޖަމާޢަތުގެ ވެށީގައި، އެ ބަލިކަށިކަން އެބަހުރިކަމެވެ. އެ ހަލާކުހުރި މަސައްކަތް ހިންގައިލީ، ޚުދު މުސްލިމް ޖަމާޢަތުގެ މެމްބަރުންކަމެވެ. ޙައްޤުގެ ދިދަ އުފުލާ ޖަމާޢަތުގައި ދޮގު ވާހަކަތައް ފެތުރި އަށަގަނެވޭފަދަ ބަލިކަށިކަމެއް އެބަހުރިކަމެވެ. ފެތުރިގެން އެދިޔައީ، ހަމައެކަނި ބޮޑު ބުހުތާނެއް ނޫންކަމެވެ. އަދި ކީއްތޯއެވެ. ފާފަވެރިކަމުގެ ބޮޑުސިންގާ ކޯރެއްކަމެވެ. އެކޯރުން އެއްބަޔަކު ރުނބަރުނބާ ފުރެންދެން، އަނެއްބަޔަކު ތަށި ފުރެންދެން ފެން ނަގައި ބޭނުންކުރިކަމެވެ. އަނެއްބަޔަކު އަތްގޮށި ފުރައި ފެން ނަގައިގެން ކޯދޮވެލިކަމެވެ. އެމީހަކު އެ ލިބިގަތް މިންވަރެއްގެ ފާފަ، އެމީހަކަށް ހުރިކަމެވެ. މި ބޮޑު ފިތުނައިގެ އެންމެ ފުރަތަމަ ކަނިފަށް ރޯކޮށްލައި، އޭނާގެ ފަސްބައިން ވިހެ ހުޅުގަނޑު ބޮޑުކޮށްލި މީހާއަށް (عـبــد اللّـــه بـــن أبــّــي އަށް) ބޮޑުވެގެންވާ ޢަޛާބު ހުރިކަމެވެ.

އަރަހުށި މާތް اللّــــه ســـــورة الـــنّـــــــور ގައި މުސްލިމުންނާ ސުވާލު ކުރައްވައެވެ.

"އެވާހަކަ ތިޔަބައިމީހުން އެހިހިނދު، މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުން އެއުރެންގެ އަމިއްލަ ނަފުސުތަކާމެދުގައި ހެޔޮކޮށް ހީނުކުޅައީ ކީއްވެގެން ބާވައެވެ؟ އަދި މިއީ، ބަޔާންވެ ފާޅުވެގެންހުރި ބޮޑު ދޮގެކޭ ނުބުނީ ކީއްވެގެން ބާވައެވެ؟" (ســـــورة الـــنّـــــــور: 12)

މިއީ ވަރަށް ވަރުގަދަ އަޚްލާޤީ ގޮވައިލެއްވުމެކެވެ. ހެޔޮކަމުގެ ޖަޒުބާތާއި، އީމާންކަމުގެ އިޙްސާސް ހޭލެއްވުމަށްޓަކައި، "ވިއްކަވައިގަންނަވައިފައިވާ ވަރުގަދަ ވިއްކަވައިގެންނެވުމެކެވެ."

މި އާޔަތުގެ މަޤްޞަދަކީ، ދާދިކުޑަކުޑަ ކަމެއް (އިސްލާމީ މުޖްތަމަޢުގެ ދަރަޖަ މަތިވެރި، ޝަރަފުވެރި، މާތް އަންހެން ސާހިބަކު، ދިމާވި ޙާދިޘާއެއްގައި، މުސްލިމުންގެ ޤާފިލާއާ ވަކިވެވަޑައިގެންނެވުމުން އެ މުޖްތަމަޢުގެ ހަމައެފަދަ ޝަރަފުވެރި މެމްބަރަކަށް އެކަމަނާ މަގުމަތީގައި އިންނަވަނިކޮށް ފެނިވަޑައިގެން، އެކަމަނާ ގެންދަވައި ޤާފިލާއާ ޙަވާލުކުރެއްވުމުން) ކުށްހީތަކުގެ އެންމެ ދަށުދަރަޖައަށް އެކަން ގެންދަންޖެހުނީ ކީއްވެތޯ ސުވާލު ކުރެއްވުމެވެ. ތިޔައިގެ ތެރެއިން މާތް އެހެން އަންހެނަކަށް ނުވަތަ ފިރިހެނަކަށް އެފަދަ ޙާލަތެއް ކުރިމަތިވިނަމަ، އެހައި ދަށުދަރަޖަޔަކަށް ވެއްޓިގަތީސްތޯ ސުވާލު ކުރެއްވުމެވެ. ތިޔަބައިމީހުންގެ އަޚްލާޤީ ފެންވަރާއި ޝަޚްޞިއްޔަތާމެދު ޚުދު ތިޔަބައިމީހުން ދެކެނީ މިހައިވެސް ދަށުދަރަޖައެއްގައި އެކަންކަން ހުރިކަމަށްތޯ އައްސަވައިލެއްވުމެވެ. ދެޖިންސުގެ ދެމީހަކު އިއްތިފާޤީ ޙާދިޘާއެއްގެ ސަބަބުންވިޔަސް، އެކަހެރީން ދިމާވެލާއިރަށް ބަދުއަޚްލާޤީ ޢަމަލުގެ އެންމެ ހުތުރުދަރަޖަޔަށް ވެއްޓިގަންނާނެތޯ ސުވާލު ކުރެއްވުމެވެ. ޚުދު ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާމެދު އެހައި ދަށުދަރަޖައިގެ ތަޞައްވުރެއް ނުގެންގުޅޭއިރު، ތިމާމެންގެ އަމިއްލަ ޖަމާޢަތުގެ އެންމެ ޢިއްޒަތްތެރި އެއް އަންހެން ސާހިބާއަކާއި، ހަމައެފަދަ އަރާހުންނެވި ބޭކަލަކާމެދު އެފަދަ ހުތުރު ކަމެއް ޚިޔާލަށް ގެނެސް، އެ ޚިޔާލު މުޖްތަމަޢުގެ ތެރޭގައި ފާޅުކޮށް ފަތުރައިލުމުގެ އޮތީ ކޮން ޙައްޤެއްތޯ ސުވާލު ކުރެއްވުމެވެ.

(ނުނިމޭ)