މިފްކޯއިން މަސް ވެރިންނަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް 422 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަސްވެރިންނަށް މިހާތަނަށް ދޫކޮށްފައިވާ ފައިސާ އާއި ނުދެވި ހުރި ފައިސާގެ އަދަދާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ މަޖިލީހުގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، މަސްވެރިންނަށް ކްރެޑިޓަށް ދޫކުރެވިފައި ހުރި ތެލާއި އައިސް ހިމެނޭ ގޮތަށް މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 422 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވި 270 މިލިއަން ރުފިޔާ އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނެއްހާ ރުފިޔާ އެ މަނިކުފާނަށް ވާރުތަވެފައިވާ ކަމަށެވެ.

އެ އުނދަގުލުން އަރައި ނުގަނެވިގެން އުޅެން ޖެހިފައިވާ ކަމަށާއި ނަމަވެސް މާ ލަސްތަކެއްނުވެ އެކަމުން އަރައިގަނެ މަސްވެރިންނަށް ދޭން އޮތް ފައިސާގެ ބެކްލޮގް ފިލުވާލާނެ ކަމަށްވެސް ވިދާޅުވިއެވެ.