ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ވިމެން ފުޓްބޯލް ކްލަބްގެ އެއް ފައުންޑަރު މަރިޔަމް މުހައްމަދު (މާޔަން) ހުޅުމާލޭގައި ފަތިހު ދުވަން ނުކުމެ އުޅެނިކޮށް ބަޔަކު އޭނާ ހިފަހައްޓައި، ވައްޓާލައި ކަރުގައި އޮތް ރަން ފަށް ފޭރިގަތް މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ދެ ފިރިހެނުން ކަމަށެވެ. އެއީ 25 އަހަރު އަދި 27 އަހަރުގެ ދެ ޒުވާނުން ކަމަށް ވެސް ބުންޏެވެ.

މާޔަން އިއްޔެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، އިއްޔެ ހެނދުނު ގާތްގަނޑަކަށް 6:15 ހާއިރު ހުޅުމާލެ ކްލޭ ސްޓޫޑިއޯ ކައިރިން އޭނާ ދުވެފައި ދަނިކޮށް، ސައިކަލެއްގައި ދިޔަ ދެ މީހަކު އޭނާ ބިންމައްޗަށް ވައްޓާލުމަށް ފަހު ކަރުގައި އޮތް ރަންފަށް ފޭރިގެންފައިވާ ކަމަށެވެ.

އެ މައްސަލަ އެވަގުތު ހުޅުމާލެ ޕޮލިހަށް ހުށައަޅާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ރަން ފަށުގެ ފޮޓޯއެއް އާންމުކޮށް މާޔަން ވަނީ އެ ފަށް ވިއްކަން ބަޔަކު އުޅޭނަމަ ނުވަތަ އެ ފަށް ފެނިއްޖެނަމަ މާޔަން އަށް އެކަން އަންގަައި ދިނުމަށް އެދިފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ބުނީ ސައިކަލެއްގައި ދިޔަ ދެ މީހަކު ހުލުމާލެ ރީތިގަސް މަގުން ހިނގާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގެންފައިވާ މައްސަލައެއް އިއްޔެ ހެނދުނު 6:20 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރާކަމަށެވެ.