ކިލޯއެއް 25 ރުފިޔާގެ ރޭޓުން މަސްވެރީންގެ އަތުން މިފްކޯއަށް މަސްގަންނަމުންދާ ނަމަ، މި އަހަރުގެ ތެރޭގައި ސަރުކާރުން ސަބްސިޑީއަށް 1.1 ބިލިޔަން ރުފިޔާ ހޭދަކުރަން ޖެހޭ ކަމަށް ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، ވަޒީރުންގެ މަސައްކަތްތަކާބެހޭގޮތުން ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހާޒިރުކުރި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ކެބިނެޓް މިނިސްޓަރުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރު ކުރައްވައި ދާންދޫ ދާއިރާގެ މަޖިލިސް މެންބަރު ޔައުގޫބު އަބުދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޔައުގޫބު ސުވާލު ކުރެއްވީ، އެމްޑީޕީ ސަރުކާރުން މަސްވެރިންނަށް ހެޔޮ ބަދަލު ގެނައުމުގެ ސިޔާސަތުގެ ދަށުން 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑު ކޮށްފައިވާ މަހުގެ އަގު ކުޑަކުރުމާ ބެހޭގޮތުންނެވެ.
މަސް ގަންނަ އަގު 25 ރުފިޔާއިން 20 ރުފިޔާއަށް މިއަދު ވަނީ ބަދަލުކޮށްފައެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުހާރުން މަސް ގަންނަ އަގު 25 ރުފިޔާއަށް ހަދާފައި ވަނީ ސިޔާސީ މަގުސަދެއް ހާސިލް ކުރަން ކަމަށާއި އެއީ އެއްވެސް ދިރާސާއެއްގެ މައްޗަށް ގެނަސްފައިވާ ބަދަލެއް ނޫން ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 ގައި މަހުގެ އަގަށް ބަދަލު ގެނައީ، ނުވައެއް ސެޕްޓެމްބަރުގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާއްވައި 30 ސެޕްޓެމްބަރު ގައި ދެވަނަ ބުރުގެ ވޯޓުން އޮތުމުން ކަމަށްވެސް ވިދާޅުވިއެވެ.
ބޭރުގެ މާކެޓްގައި އޭރު މަހުގެ އަގުހުރީ 1450 ޑޮލަރަށް ޓަނެއްގެ އަގުގައި ކަމަށާއި އެއީ ބާވީސް ރުފިޔާ ސާޅީސް ލާރިއަށް ކިލޯއެއް ޖެހޭ އަދަދެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި 17 ރުފިޔާއަށް ހުރި މަހުގެ އަގު އޭރު 25 އަށް ބަދަލުކުރުމަކީ، މިފްކޯ ހިންގުމުގެ ހަރަދާ ނުލައިވެސް ދެ ރުފިޔާ ފަސްދޮޅަސް ލާރީގެ ގެއްލުމުގައި މަސްގަތުން ކަމަށްވެސް ވިދާޅުވިއެވެ.
"މިފްކޯ ހިންގުމުގެ ހަރަދަށް ތިރީސް އިންސައްތަ ކަމަށް ބެލިކަމުގައިވިޔަސް އެއީ 11 ރުފިޔާގެ ގެއްލުމެއް. އެވަރުގެ ބޮޑު ގެއްލުމެއްގައި މަސްގަތުމަކީ ދައުލަތުގެ އާމްދަނީ ހުރިގޮތުން ބޮޑު ބުރައަކަށްވާނެ އެވަރުގެ ބޮޑު ސަބްސްސިޑީއެއް މަސްގަތުމަށް ހޭދަކުރާނަމަ،"
މިނިސްޓަރު ވިދާޅުވީ، މިފްކޯއަށް ގަންނަމުން އަންނަ މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށް ނުކުރާނެ ކަމަށް، މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.
މިއަދުން ފެށިގެން 20 ރުފިޔާގެ އަގަށް މަސް ގަންނަ އަގު ދަށްކުރީ، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރި ވަރު ބައްލަވައި މިފްކޯ ހިންގުމަށް ހަރުދަނާ ބަދަލުތަކެއް ގެނައުމުގެ ވިސްނުމުގައި ކަމަށްވެސް ވިދާޅުވިއެވެ. އަދި މަހުގެ އަގު 20 ރުފިޔާއަށް ދަށް ކުރުމުން މަސްވެރިންނަށް ލިބޭނެ ފައިދާއަކީ ކިރުވާ މަހަށް ފައިސާ ލިބިގެންދިއުން ކަމަށްވެސް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު