މާދަމާ އިން ފެށިގެން މަސް ގަންނަ އަގު ސަރުކާރުން 20 ރުފިޔާއަށް ކުޑަކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއު "ވަން" އަށް މިރޭ ވިދާޅުވީ މާދަމާއިން ފެށިގެން މަސް ގަންނަ އަގު 25 ރުފިޔާއިން 20 ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށެވެ.

"އިކޮނޮމިކް ކައުންސިލުން ނިންމާފައިވަނީ އެގޮތަށް މަހުގެ އަގު ކުޑަކުރަން 20 ރުފިޔާއަށް،" ޝާފިއު ވިދާޅުވިއެވެ.

އިކޮނޮމިކް ކައުންސިލުގެ ނިންމުންތަކަށް އަމަލުކުރާނީ، ރައީސުލްޖުމްހޫރިއްޔާ އެ ނިންމުމެއް ބަލައިގެންފި ނަމައެވެ.

މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކޮށްފައިވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގެ ތެރޭގައެވެ.

މަސް ގަންނަ އަގު ބޮޑުކުރުމުން، މަސް ބަންދުކުރުމުގައި ހަރަކާތްތެރިވާ އަމިއްލަ ބައެއް ކުންފުނިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، މާކެޓު އަގަށްވުރެ ބޮޑު އަގުގައި މަސް ގަންނަން ޖެހޭތީ އެންސިސް ފިޝަރީޒް އިން ވަނީ މަސް ގަތުން ހުއްޓާލައި، ދަޅުގައި މަސް ބަންދުކުރާ ފެކްޓަރީ ބަންދު ވެސް ކޮށްފައެވެ.