"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރި ފުލެޓުތަކުގެ ޝަރުތު ހަމަވާ ނުވާ މީހުންގެ ލިސްޓެއް ކަމަށްބުނެ، ސޯޝަލް މީޑިއާގައި އާންމުވެފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކުރި ލިސްޓެއް ނޫން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އޭސީސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ފުލެޓުގެ މައްސަލައިގައި އޭސީސީން ކުރިއަށްގެންދިޔަ ތަހުގީގުގެ މައުލޫމާތު ހިއްސާކޮށްފައިވަނީ، ހައުސިން މިނިސްޓްރީ އަދި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އެކަނި ކަމަށެވެ. ފުލެޓު މައްސަލައިގައި ކުރި ތަހުގީގުގައި ފާހަގަކުރެވުނު މުހިންމު ކަންކަން މީޑިއާތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

"ގެދުރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ދޫކުރުމާ ގުޅޭގޮތުން، މި ކޮމިޝަނަށް ހުށަހެޅި ތަހުގީގުކުރަމުންގެންދާ މައްސަލައިގައި، މި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއް ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުން ގެންދަނީ މި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫން،" އޭސީސީން ބުންޏެވެ.

ރައްޔިތުންނާ ގުޅުންހުރި ހައްސާސް މައްސަލައެއްގައި، ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް އެފަދަ ހަގީގަތާ ހިލާފު ވާހަކަ ފެތުރުމުން ކަންބޮޑުވާ ކަމަށް އޭސީސީން ބުންޏެވެ. އެފަދަ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރަނީ ރައްޔިތުންގެ ހިތުގައި ރުޅިވެރިކަން އުފެއްދުމަށް ކަމަށް އޭސީސީން ބުންޏެވެ.

ފުލެޓުގެ މައްސަލަ ތަހުގީގު ކުރުމުގައި އޭސީސީއަށް އެއްވެސް ކަހަލަ ނުފޫޒެއް ނެތް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ހައުސިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުލެޓުތަކާ ގުޅޭގޮތުން އޭސީސީން ކުރި ތަހުގީގަށް ފަހު، ޝަރުތު ހަމަވެ، އިތުރު މައްސަލައެއް ހުރިކަން ފާހަގަނުވާ ފޯމުތަކުގެ ލިސްޓެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލިބިފައިވާ ކަމަށެވެ.

"އޭސީސީން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ ފޯމުތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ވާތީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުން ކަނޑައެޅުމުގެ އިންތިޒާމުތައް މި މިނިސްޓްރީން ކުރަމުންދާ ވާހަކަ ދެންނެވީމެވެ.،" އެ ބަޔާނުގައި ބުނެފައިވެއެވެ.

"ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ދޫކުރާ ފުލެޓުތަކަށް ޝަރުތު ހަމަވާ މީހުންގެ ފުލެޓޔތައް ވީ އެންމެ އަވަހަކަށް ހަވާލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ.

ގެދޮރުވެރިޔާ ފުލެޓުތައް ދޫކުރުމުގައި ކުރީ ސަރުކާރުން އޮޅުވާލިކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ފެންމަތިވުމުން އެ ފުލެޓުތައް ދޫކުރުން މަޑު ޖައްސާލަން އަންގައި އޭސީސީން ތަހުގީގެއް ފެށިއެވެ. އެ ތަހުގީގަށް ފަހު، އެ ކޮމިޝަނުން ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޭ ފުރަތަމަ 4،000 ފުލެޓު ލިބޭ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 2،400 ފުލެޓެވެ. އެއްވެސް މައްސަލައެއް ނޫޅެނީ 20.7 ޕަސެންޓް ފޯމުގައެވެ.