ޖަރުމަނު ބުންޑަސްލީގާގައި ރޭ ބަޔާން މިއުނިކް ބަލިކޮށް، ބަޔާން ލެވަކޫސަންއިން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
ލެވަކޫސަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެޓީމުން 3-0 އިން ބަޔާން ބަލިކޮށްފައިވާ އިރު، ޒަބީ އެލޯންސޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ލެވަކޫސަން އަދި މި ސީޒަނުގެ ލީގުގައި ބަލިވެފައެއް ނުވެއެވެ. 21 މެޗުން 55 ޕޮއިންޓާ އެކު ލެވަކޫސަން އެއްވަނައިގައި އޮތް އިރު، 21 މެޗުން 50 ޕޮއިންޓާ އެކު އެންމެފަހުގެ ޗެމްޕިއަން ބަޔާން އޮތީ ދެވަނައިގައެވެ.
އެލޯންސޯގެ ލެވަކޫސަންއިން ވަނީ މެޗުގެ ކުރީކޮޅުގައި ލީޑު ނަގައިފައެވެ. އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ ޖޯސިޕް ސްޓަނިސިޗެވެ. އެ ގޯލާއެކު ފެށުން ރަނގަޅުކުރި ލެވަކޫސަންއިން ދެވަނަ ހާފަށް ނުކުމެވެސް އެޓީމުގެ ފޯމު ދެމެހެއްޓިއެވެ.
ދެވަނަ ހާފަށް ނުކުމެ މެޗުގެ 50 ވަނަ މިނެޓުގައި ލެވަކޫސަންގެ ދެވަނަ ގޯލު ޖެހިއެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ އެލެކްސް ގްރިމާލްޑޯއެވެ.
މިހާތަނަށް ސީޒަނުގެ ލީގުގައި ބަޔާން ތިން މެޗުން ބަލިވެފައިވާ އިރު، އެޓީމަށް ރޭ ތިންވަނަ ބަލި ޔަގީންވީ ލެވަކޫސަންއިން ޖެހި ތިންވަނަ ގޯލާއެކުގައެވެ. އެޓީމަށް ތިންވަނަ ގޯލު ޖަހައިދިނީ ޖެރެމީ ފްރިމްޕޮންގެވެ.
ބަޔާނުން މިދިޔަ 11 ސީޒަންގެ ލީގު ތަށި ނެގި ނަމަވެސް، މިފަހަރު ޗެލެންޖް ބޮޑެވެ. ލެވަކޫސަންއިން މިހާތަނަށް އެކިއެކި މުބާރާތްތަކުގައި ކުޅުނު 31 މެޗުންވެސް އެޓީމު ބަލިވެފައެއް ނުވެއެވެ.
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ