މިދިިޔަ ބުދަދުވަހު ގަލޮޅު ދަނޑުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ބައްދަލުކުރި ދެވަނަ ޑިވިޝަންގެ ކުއާޓާ ފައިނަލް މެޗުގައި ކުޑަހެންވޭރުގެ ސަޕޯޓަރުން ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މެޗު ނިމެން ކައިރިވެފައިވަނިކޮށް ކުޑަހެންވޭރުގެ ސަޕޯޓަރުންތަކެއް ވަނީ ދަނޑަށް އަރައި ވިކްޓަރީގެ ބިދޭސީ ކުޅުންތެރިއަކަށާއި އެ ޓީމުގެ ކޯޗު ސޮބާހު މުހައްމަދަށްވެސް ހަމަލާ ދީފައެވެ.

ކުޑަހެންވޭރުގެ ސަޕޯޓަރުން ދަނޑަށް އެރީ މެޗުގެ ތެރޭގައި ކުޑަ ހެންވޭރުގެ ކުޅުންތެރިޔަކަށް ގަސްދުގައި ހަމަލާ ދިނުމުންނެވެ.

އެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، އިބްރާހިމް އަލީފް ރައޫފް، 34، ހ. ހިލްޓަން، ރިކްޒު އާދަމް، 21އ، ފައިވްރޯސް/ގދ. ތިނަދޫ އެވެ.

އެ ދެ މީހުންގެ މައްޗަށް ތުހުމަތުކުރަނީ، މާރާމާރީ ހިންގުމާއި ބިރުދެއްކުމާއި އިންޒާރު ދިނުން އަދި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުމެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެ ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ކޯޓު އަމުރުގައިވާ ގޮތުގައި، ރިކްޒު އަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.