ޗައިނާގެ އާ އަހަރުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ތަހުނިޔާ ފޮނުއްވައިފިއެވެ.

ޗައިނާގެ "ޝިންހުއާ" ނިއުސްއަށް ރައީސް ދެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ވިދާޅުވީ ޗައިނާގެ އާ އަހަރަކީ ޗައިނާގެ ރައްޔިތުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އެ ގައުމުގެ ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަން ގެނެސްދޭނެ އަހަރަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް ވަނީ އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި ދިވެހި ރައްޔިތުންގެ ފަރާތުން ވެސް ޗައިނާގެ އާ އަހަރުގެ ތަހުނިޔާ ފޮނުއްވަވައިފައެވެ.

ރައީސް މުއިއްޒު، ގެންދަވަނީ ޗައިނާއާ އެކު ހީނަރުވެފައިވާ ގުޅުން އަލުން ބަދަހިކުރުމަށް މަސައްކަތް ކުރެއްވަމުންނެވެ. އެ މަނިކުފާނު ވަނީ ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވައިފައެވެ. އެއީ އެ މަނިކުފާނުގެ ބޭރުގެ ގައުމަކަށް ކުރެއްވި ތިންވަނަ ރަސްމީ ދަތުރުފުޅެވެ.

ޗައިނާގެ ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާ ކުރުމަށާއި ރާއްޖޭގެ ތަރައްގީގައި ޗައިނާގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާކޮށްފައެވެ. އަދި ވަނީ ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރު ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

ޗައިނާގެ އާ އަހަރާ ދިމާކޮށް، އެގައުމުގެ ގިނަ މީހުން ދަތުރު ކުރެއެވެ. ޗައިނާގެ ފަތުރުވެރިން އެންމެ ގިނައިން ރާއްޖެ އައިސްފައި ވަނީ ވެސް އެގައުމުގެ އާ އަހަރާ ދިމާކޮށެވެ.