ލިވަޕޫލްގެ ސްޕެއިން މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާއަށް އަނެއްކާވެސް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

އުމުރުން 32 އަހަރުގެ ތިއާގޯއަށް މިދިޔަ އަހަރު އޭޕްރީލް މަހު ލިބުނު އަނިޔާއިން ރަނގަޅު، އެނބުރި ކުޅުމަށް ނުކުތީ މިދިޔަ ހަފުތާގައި ލިވަޕޫލުން އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗުން ލިވަޕޫލް 3-1 އިން ބަލިވެފައިވާ އިރު، ތިއާގޯ ކުޅުމަށް ނުކުތީ 85 ވަނަ މިނެޓުގައެވެ.

ލިވަޕޫލުން ބުނެފައި ވަނީ އެ މެޗަށްފަހު ތިއާގޯގެ ފައިގެ މަސްގަނޑަށް އަނިޔާވެފައިވާ ކަމަށާއި އަނެއްކާވެސް އަލުން އަނބުރާ ކުޅުމަށް އާދެވޭނެ ދުވަހެއް އެނގޭނީ ޓެސްޓްތަކަށް ބެލުމަށްފަހުގައި ކަމަށެވެ. މި ސީޒަނުގެ ނިޔަލަށް ތިއާގޯ ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާ އިރު، އޭނާ އެއްބަސްވުން އާކުރަން އަދި ނިންމައިފައެއް ނުވެއެވެ.

ތިއާގޯ ލިވަޕޫލާ ގުޅިފައި ވަނީ 2020 ވަނަ އަހަރު ބަޔާން މިއުނިކުންނެވެ. އޭނާ ވަނީ އޭގެފަހުން ލިވަޕޫލަށް 98 މެޗެއް ކުޅެފައެވެ. ޓްރާންސްފާގެ ފުރަތަމަ ކޮޅުގައި ތިއާގޯގެ ބޭނުން ލިވަޕޫލަށް ވަރަށް ރަނގަޅަށް ހިފުނު ނަމަވެސް، މިދިޔަ ދެ ސީޒަނެއްގައި އޭނާއަށް ވަނީ އަނިޔާގެ މައްސަލަތަކާ ކުރިމަތިވެފައެވެ.

ލިވަޕޫލް ކޯޗު ޔާގަން ކްލޮޕަށް މިވަގުތު އަނިޔާގެ އިތުރު މައްސަލަތަކެއްވެސް ދިމާވެފައިވާ އިރު، މި ހަފުތާ ބާންލީއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުންނަން ޖެހޭނީ މިޑްފީލްޑަރު ޑޮމިނިކް ޒޮބޮސްލާއީ އާއި މުހައްމަދު ސަލާހްވެސް ނުލައެވެ.