ބަންގްލަދޭޝްގެ އިދިކޮޅު ސިޔާސީ ޕާޓީތައް އެއްގަލަކަށް އަރައިގެން އިންޑިޔާއާ ދެކޮޅަށް ވަރަށް ވަރުގަދަ ސިޔާސީ ކެމްޕޭނެއް މިހާރުވަނީ ފަށައިފައެވެ. މި ކެމްޕޭނުގެ ނަމަކީ "އިންޑިޔާ އައުޓް" އެވެ. ބަންގްލަދޭޝްގެ އައްސޭރިތައް ބެލެހެއްޓުމުގެ ނަމުގައި ބައު ޑޯނިއާ ފްލައިޓް އުދުއްސަން އިންޑިޔާގެ ސިފައިން ބަންގްލަދޭޝްގައި ތިބީއެއް ނޫނެވެ. އަދި ބަންގްލަދޭޝްގެ އެކި އަވަށްތަކުން ވެރިރަށް ޑާކާއަށް ބަލިމީހުން އުފުލުމުގެ ނަމުގައި އަސްކަރީ ބައު ހެލިކޮޕްޓަރު އުދުއްސާ އިންޑިޔާ ސިފައިންގެ ފައުޖެއް ބަންގްލަދޭޝްގައި ހަރަކާތްތެރިވަނީއެއްވެސް ނޫނެވެ. ބަންގްލަދޭޝްގައި އޮތް އެއްޗަކީ އިންޑިޔާގެ ސިޔާސީ އަދި އިގްތިސާދީ ނުފޫޒެވެ. މި ނުފޫޒުގެ ބާރުގައި ކުރާކަމަކީ ބަންގްލަދޭޝްގައި އިންޑިޔާ ބޭނުންވާ ސަރުކާރެއް ނޫން ސަރުކާރެއް ގާއިމުވިޔަ ނުދިނުމެވެ. ބަންގްލަދޭޝްގެ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމެވެ. ނަތީޖާއެއްގެ ގޮތުން ބަންގްލަދޭޝްގައި ޝައިޚް ހަސީނާގެ އަވާމީ ލީގު ޕާޓީ ނޫން ޕާޓީއަކަށް ފަހަކަށްއައިސް ވެރިކަމަށް ނާދެވެއެވެ.
"އިންޑިޔާ އައުޓް" ކެމްޕޭނުގައި ކުލަޖެހުނީ ހުސްވި ޖެނުއަރީމަހު ބަންގްލަދޭޝްގައި ބޭއްވުނު އާއްމު އިންތިޚާބަށްފަހުގައެވެ. ކުރިން ދެންނެވި ނުފޫޒާއި ބޮޑުވަޒީރު ޝައިޚު ހަސީނާ ގެންގުޅުއްވާ އެނޫންވެސް ސިޔާސަތުތަކުގެ ސަބަބުން މި އިންތިޚާބުގައި އިދިކޮޅު ބޮޑެތި ޕާޓީތަކުން ވާދައެއް ނުކުރެއެވެ. ޚާލިދާ ޒިޔާގެ ބީއެންޕީ ފަދަ ޕާޓީތައް ވަނީ އިންތިޚާބު ބޯއިކަޓްކޮށްފައެވެ. އެކަންވީ ބޮޑުވަޒީރު ހަސީނާއަށް ލިބިވަޑައިގެންނެވި ރަނުގެ ފުރުސަތަކަށެވެ. ވާދަވެރިކަމެއް ނެތް އިންތިޚާބަކަށްފަހު އެކަމަނާ ވަނީ ބޮޑުވަޒީރު ކަމުގެ އައު ދައުރެއް ކާމިޔާބު ކުރައްވައިފައެވެ. މިއީ ވިދިވިދިގެން އެކަމަނާގެ ހަތަރު ވަނަ ދައުރެވެ. މިހިސާބުން އިދިކޮޅު ޕާޓީތައް ގުޅިގެން ފެށީ އައު ކެމްޕޭނެކެވެ. "އިންޑިޔާ އައުޓް" ކެމްޕޭނެވެ. މި ކެމްޕޭނުގައި މައިގަޑު ގޮތެއްގައި އޮތީ އިގްތިސާދީ ގޮތުން އިންޑިޔާ ބޯއިކަޓް ކުރުމެވެ. ފަހަކަށްއައިސް އިންޑިޔާއިން ދިވެހިރާއްޖޭގެ ފަތުރުވެރިކަންވެސް ބޯއިކަޓްކުރާ ބީދައިންނެވެ.
މި ކެމްޕޭނުގައި އޮތީ އިންޑިޔާއިން އައު މުދައު އިމްޕޯޓް ނުކުރުމާއި ކުރީއްސުރެ އިމްޕޯޓްކޮށްގެން ބަންގްލަދޭޝްގެ ބާޒާރުގައި ވިއްކަން ހުރި މުދައުވެސް ނުގަތުމެވެ. އިންޑިޔާގެ ވިޔަފާރިތަކާއި ގާތްނުވުމެވެ. ވަރަށް ބާރު އޮއިވަރެއްގައި މިކަން މިހާރު ދަނީ ކުރިއަށެވެ. ބަންގްލަދޭޝްއަކީ އާދައިގެ ގައުމެއް ނޫނެވެ. އެގައުމުގައި 173 މިލިޔަން މީހުން ދިރިއުޅެއެވެ. އެއީ ދުނިޔޭގެ 8 ވަނައަށް އެންމެ ބޮޑު އާބާދީއެވެ. އެހެންވީމާ "ބޯއިކަޓް އިންޑިޔާ" އަދި "އިންޑިޔާ އައުޓް" ކެމްޕޭނުގެ ސަބަބުން އިންޑިޔާގެ އިގްތިސާދަށް އެނގުން ނުވެއެއް ނުދާނެއެވެ. ބޮޑު ގެއްލުމެއް ކުރިމަތިވާނެއެވެ. އެކަން ޔަގީނެވެ. އިންޑިޔާގެ ކެރެލާއަށާއި ކަރުނާޓަކާއަށް ދިއުން ދިވެހިން ހުއްޓާލައިފިނަމަ އިންޑިޔާގެ މެޑިކަލް ޓޫރިޒަމަށް ލިބޭންއޮތް ގެއްލުމަށްވުރެ މާބޮޑު ގެއްލުމެއް މިކަމުން އިންޑިޔާގެ ވިޔަފާރިތަކަށް ކުރިމަތިވާނެއެވެ. ބަންގްލަދޭޝްގައި މިކަހަލަ ކެމްޕޭނެއް ފެށުމުގެ ބޭނުމަކީވެސް އެއީއެވެ. އިންޑިޔާއަށް ފިލާވަޅެއް ދިނުމެވެ.
"އިންޑިޔާ އައުޓް" ކެމްޕޭނާއި "ބޯއިކަޓް އިންޑިޔާ" ކެމްޕޭން އެންމެ ފުރަތަމަ ފެށުނީ ހުސްވި ޖެނުއަރީމަހުގެ މެދުތެރޭގައި މީސްމީޑިއާގައެވެ. އިސާހިތަކު މި ކެމްޕޭނު ވަނީ ފިހާރަތަކާއި ހަމައަށް ފޯރައިފައެވެ. ވެރިރަށް ޑާކާ އާއި ޗިޓަގޮން އަދި ކޮކްސްބާޒާރާއި އެނޫންވެސް ބޮޑެތި ހުރިހާ ސިޓީއެއްގައެވެ. އިންޑިޔާގެ މަޝްހޫރު އުފެއްދުންތައް ގަންނާނެ ބަޔަކު މިހާރު ނުވެއެވެ. ޝިޕްމަންޓުތައް ހުރީ ފުނިޖެހި ބޭކާރުވެފައެވެ. އިންޑިޔާގެ އުފެއްދުމެއްކަން ދެނެގަންނާނެގޮތްވެސް މީސްމީޑިއާ ޕޯސްޓުތަކުގައި ދަނީ ކިޔައިދެމުންނެވެ. ފަހަކަށްއައިސް ބަންގްލަދޭޝްގައި އާއްމުންގެ ފަރާތުން އެންމެ ބޮޑު ތަރުހީބެއް ލިބުނު ކެމްޕޭނަކީވެސް މިއީއެވެ. ވިޔަފާރިވެރިން ބުނަނީ މާލީގޮތުން އެމީހުންނަށް ކިތަންމެ ބޮޑު ގެއްލުމެއް ކުރިމަތިވިޔަސް ގައުމުގެ އިއްޒަތާއި ކަރާމާތް ނެގެހެއްޓުމަށްޓަކައި މި ކެމްޕޭނަށް ތާއީދުކުރާ ކަމުގައެވެ. އިންޑިޔާގެ ސަޕްލަޔަރުން ފޮނުވާ މުދައު ދެން ބަލައިގަތުމެއް ނޯންނާނެ ކަމުގައެވެ.
ބަންގްލަދޭޝްގައި "އިންޑިޔާ އައުޓް" ކެމްޕޭނެއް ވަރުގަދަވުމުގެ ސިއްރަކީ ހަމައެކަނި ސިޔާސީ ސަބަބެއް ނޫނެވެ. ގައުމީ ސަބަބެއްވެސް އެބައޮތެވެ. ބޮޑުވަޒީރު ހަސީނާއަށް ތާއީދުކުރާ މީހުންގެ ތެރެއިންވެސް ގިނަބަޔަކު މި ކެމްޕޭނާ ގުޅުނީ އެހެންވެގެންނެވެ. ބަންގްލަދޭޝް އާއި އިންޑިޔާގެ ސަރަހައްދީ އިމުގައި އިންޑިޔާ ސިފައިން ބަޑިޖެހުމުގެ ސަބަބުން ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އެކަނިވެސް ބަންގްލަދޭޝްގެ އެތައްހާސް ބަޔަކު މަރުވެފައިވެއެވެ. ދެ ގައުމު ހިއްސާކުރާ ކޯރުތަކުގެ ފެން ބޭނުންކުރުމާމެދު އުފެދިފައިވާ އަރައިރުންތައް ގިނަގުނައެވެ. ބަންގްލަދޭޝްގެ މަސްވެރިންނަށް ގޯނާކޮށް ބިރުދެއްކުމަކީ ނިކަން ދޭރެރެއަވަސްކޮށް ގިނަގިނައިން އިންޑިޔާގެ ކޯސްޓްގާޑުން ކުރާކަމެކެވެ. އިހަކަށްދުވަހު ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ދިވެހި މަސްވެރިންނަށްވެސް އިންޑިޔާގެ ކޯސްޓްގާޑުން ގޯނާކޮށް ބިރުދެއްކި އުސޫލުންނެވެ. މިކަންކަން މިހެންއޮތީމާ ބަންގްލަދޭޝްގެ ވަރަށް ގިނަބަޔަކު އިންޑިޔާއަށް ނަފުރަތު ކުރެއެވެ.
ކުރިން މިދެންނެވި ނަފުރަތުއޮތް މިންވަރު އެނގެނީ އިންޑިޔާއަށް ލިބޭ ކޮންމެ ދެރައެއް ބަންގްލަދޭޝްގައި އުފާފާޅުކުރުމަކަށް ބަދަލުވާ ބަދަލުވުމުންނެވެ. ހުސްވި އަހަރު ބޭއްވުނު ކުރިކެޓް ވޯލްޑްކަޕުގެ ފައިނަލްގައި އޮސްޓްރޭލިޔާ އަތުން އިންޑިޔާ ބަލިވި ބަލިވުން ބަންގްލަދޭޝްގައި ފާހަގަކުރީ ބަންގްލަދޭޝްއަށް ތަށި ލިބުމާ އެއްފަދަ ކަމެއްގެ ގޮތުގައެވެ. އެހައިވެސް ބޮޑަށް އުފާ ފާޅުކުރިއެވެ. ކޮންމެއަކަސް އިންޑިޔާގެ އަވަށްޓެރިންގެ ތެރޭގައި އިންޑިޔާދެކެ ފޫހިވުން މިހިސާބަށް އުފުލުނީ ކީއްވެގެންކަން ޚުދު އިންޑިޔާގެ ޚާރިޖީވަޒީރު ޖައިޝަންކަރަށްވެސް އެނގިވަޑައިގަންނަވައެވެ. އަސްލަކީ އިންޑިޔާގެ ޚާރިޖީ ސިޔާސަތުކަންވެސް އެނގިވަޑައިގަންނަވައެވެ. މިކަން ޔަގީންވަނީ އަވަށްޓެރި ގައުމުތަކުގެ ސިޔާސަތަށް އަންނަމުންދާ ބަދަލުތަކާމެދު އޭނާ ދައްކަވާފައިވާ ވާހަކަފުޅުތަކުންނެވެ. އެކަމަކު ހިތާމައަކީ މި ހަގީގަތް ގަބޫލުކުރެވުނު ކަމަށްވިޔަސް ކަންކަން ރަގަޅުކުރުމަށްޓަކައި އިންޑިޔާއިން އިސްނުނެގުމާއި އިންޑިޔާގެ ސިޔާސަތަށް އަންނަންޖެހޭ ބަދަލުތައް ނުގެނައުމެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ