މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ އެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 08:00 އިން މެންދުރު 12:00 އަށް ކަމަށެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު https://presidency.gov.mv ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލާފައިމިވަނީ ކުރިން އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އެ މަގާމުން އިސްތިއުފާ ދެއްވަން ނިންމާފައި ވަނިކޮށެވެ. ފަތުހުﷲ އެ މަގާމަށް އައްޔަންކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ފަތުހުﷲ ހުންނެވީ މީރާގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ. އޭނާއަކީ، މީރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އެގޮތުން ފަތުހުﷲ، މީރާގައި އެންމެ ފުރަތަމަ އަދާކުރެއްވީ ރެވެނިއު އޮފިސަރުގެ މަގާމެވެ. އެއަށްފަހު އޭނާ ވަނީ ސީނިއާ ރެވެނިއު އޮފިސަރުގެ މަގާމަށް ޕްރޮމޯޓު ކޮށްފައެވެ. މީރާގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ފަތުހުﷲ ހަމަޖައްސަވާފައިވަނީ 2010 ވަނަ އަހަރުއެވެ.
ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވުމަށްފަހު އޭނާ ވަނީ 2016 ވަނަ އަހަރު އެ މަގާމުންނާއި މީރާގެ ވަޒީފާއިން ވަކިވެވަޑައިގެން ދިރާގުގެ ޓެކްސް، ރިސްކް އެންޑް ކޮމްޕްލެއަންސްގެ މެނޭޖަރުގެ މަގާމު އަދާކުރައްވަން ފައްޓަވައިފައެވެ. ނަމަވެސް މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން އޭނާ ވަނީ އެ މަގާމަށް ކުރިމަތިލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު