މީލާދީން 1153 ވަނަ އަހަރު ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރީގެ ތާރީޚު އޮތީ އަނދިރިކަމުގެ ތެރޭގައެވެ. ލޯމާފާނަކުން ވިޔަސް، ރާދަވަޅިޔަކުން ވިޔަސް އަދި އެނޫން އެއްޗަކުންވެސް އޮޅުންފިލާންއޮތީ އިސްލާމްވުމުގެ ފަހުގެ ތާރީޚެވެ. އޭގެ ކުރީގެ އެއްޗެއް ފެންނާން އޮތިއްޔާ އެ އެއްޗެއް އޮތީ ބޭރުގެ ކޮންމެވެސް ކުތުބުޚާނާއެއްގައެވެ. ރޯމަނުންގެ އަންބަރާތޫރާއި ޗައިނާގެ އަންބަރާތޫރުގެ ދަރުބާރަށް ދިވެހިން ދިޔަކަންވެސް އެނގޭންއޮތީ މިކަހަލަ ގޮތަކަށެވެ. ކޮންމެއަކަސް ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ފާއިތުވެގެންދިޔަ 871 އަހަރުގެ ތާރީޚަށް ފީނައި ބަލައި ހޯދީމާ ފެންނާންއޮތް ހަގީގަތަކީ މި ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ގެއްލިފައިއޮތީ މިދެންނެވި މުއްދަތުގެ ތެރޭގައި ޖުމްލަ ތިންފަހަރު ކަމެވެ.

ފުރަތަމަ ފަހަރަކީ މީލާދީން 1558 ގައި ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށަށް ދިޔަދިއުމެވެ. ދެވަނަ ފަހަރަކީ މީލާދީން 1750 ގައި އިންޑިޔާގެ މަލާބާރީންގެ އަޅުވެތިކަމުގެ ދަށަށް ދާންޖެހުމެވެ. ތިންވަނަ ފަހަރަކީ މީލާދީން 1888 ގައި އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށަށްދާން ޖެހުމެވެ. ތާރީޚު ލިޔާ ބައެއް މީހުން ލިޔެފައިވަނިކޮށް ފެނެއެވެ. ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ގެެއްލުނީ އެންމެ ދެފަހަރުއެވެ. ޕޯޗުގީޒުންނަށާއި މަލާބާރީންނަށެވެ. އެމީހުންގެ ނަޒަރުގައި އިނގިރޭސިން މިތަނުގެ މައްޗަށް ހިންގި ހުކޫމަތަކީ އަޅުވެތި ކުރުމެއް ނޫނެވެ. ހިމާޔަތެކެވެ. ނެތް މިނިވަންކަމަކީ ޚާރިޖީ މިނިވަންކަމެވެ. ދާޚިލީ މިނިވަންކަން އޮތެވެ. މިތަނުގައި ރަސްރަސްކަލުން ތިއްބެވިއެވެ.

މި ނަޒަރިއްޔާތާއި މުޅިއަކުން އެއްބަސް ވެވޭކަށްނެތެވެ. އިނގިރޭސިންގެ އެބުނާ ހިމާޔަތުގެ ދަށުގައި ތިބިއިރު ނެތީ ހަމައެކަނި ޚާރިޖީ މިނިވަންކަމެއް ނޫނެވެ. ދާޚިލީ މިނިވަންކަމެއްވެސް ނެތީއެވެ. ދިވެހިރާއްޖޭގެ ރަސްކަމަށް އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް ވަޑައިނުގެންނެވުނީ ކީއްވެގެން ބާވައެވެ. ސަބަބު ވަރަށް ސާފެވެ. އިނގިރޭސިން އެކަމަށް އެއްބަސް ނުވީމައެވެ. ދާޚިލީ ކަންކަމާއި ބެހުނީމައެވެ. ދިވެހި ސަރުކާރުގެ ނުރުހުމުގައި އައްޑުއަތޮޅު ގަމުގައި އަސްކަރީ މަރުކަޒެއް ހަދައި އެންމެފަހުން ދެކުނުގެ ތިން އަތޮޅު ދިވެހިރާއްޖެއިން ވަކިކޮށް މިޒާތެއްގެ ސަކަރާތެއް އިނގިރޭސިން ޖެހީ އެބުނާ ދާޚިލީ މިނިވަންކަން އޮތް ހާލަތެއްގައި ބާވައެވެ. ނޫނެކެވެ. ނެތެވެ. ދާޚިލީ ކަންކަމާއި ބެހުނީ އެ މިނިވަންކަން ނެތުމުންނެވެ.

އެދުވަސްވަރު ވެރިކަން ހިންގާން ތިބި ހުރަވީންނަކީ އަދި ތާރީޚު ލިޔާން ތިބި އެމީހުންގެ ވަފާތެރިންނަކީ އެބުނާ ހިމާޔަތެއްގެ ދަށަށް ދިވެހިރާއްޖެ ގެންދިޔުމަށް ވާގިވެރިވި މީހުން ކަމަށްވެފައި އެމީހުން ކުރި ކަންތަކުގެ ނަތީޖާއަކީ މުތުލަގު އަޅުވެތިކަމެއްގެ ދަށަށް ދިއުންކަމަށް ލިޔަން އަދި ބުނަން ނުކެރުނީއެވެ. އެހެންވީމާ ހިމާޔަތެކޭ ޚާރިޖީ ކަމެކޭ ބުނެ ޚާއްސަ ގިންތިއަކަށް ފައްތައިލީއެވެ. މިނިވަންކަން ގެއްލިފައި ނެތިއްޔާ މިނިވަންކަމުގެ އެއްބަސްވުމެއްގައި 1965 ވަނަ އަހަރުގެ ޖުލައި ސައްބީހުގައި ސޮއިކުރުމުގެ ބޭނުމެއް އޮންނާނޭ ބާވައެވެ. ނޯންނާނެއެވެ. ކޮންމެއަކަސް ވާހަކަ ދައްކަން މިއުޅެނީ އެކަމުގެ މައްޗަކަށް ނޫނެވެ. އެހެންވީމާ އެވާހަކަ ކުރުކޮށްލީއެވެ.

މިނިވަންކަން ގެއްލިފައި އޮތީ ތިންފަހަރުއެވެ. އެކަމާދޭތެރޭ ބަހުސްކުރާކަށް ޖާގައެއް ނެތެވެ. މި ތިންފަހަރުވެސް މިނިވަންކަން ގެއްލި އަޅުވެތިކަމުގެ ކަސްތޮޅުން ބަނދެވުމުގައި އޮތީ އެއްސަބަބެކެވެ. އެ ތިން ފަހަރުވެސް ލިބުނީ އެއް ފިލާވަޅެކެވެ. ދިވެހިންގެ ތެރެއިން ބަޔަކު އަމިއްލަޔަށް މިނިވަންކަން ނަގައިލީއެވެ. ބޭރު ބަޔަކަށް އެ މިނިވަންކަން ހަދިޔާކުރީއެވެ. އެބައެއްގެ ފަރާތަށް އާރާއި ބާރު ފުރޮޅައިލެވެން އޮތީ ބޭރު މީހުންގެ އެހީތެރިކަން ހޯދައިގެން މިރާއްޖޭގެ ކަންކަމުގެ ތެރެއަށް ބޭރު މީހުން ވައްދައިގެން ކަމަށް ފެނިގެންނެވެ. ޕޯޗުގީޒުން މިރާއްޖެ ގެނައީވެސް ދިވެހިންގެ ބައެކެވެ. ހިލާލީ ހަސަނަކާއި އޭނާގެ ބައިވެރިންނެވެ. މަލާބާރީން ގެނައީވެސް ދިވެހިންގެ ތެރެއިން ބައެކެވެ. ހަސަން ތާޖުއްދީނުގެ ދެބެއިންނާއި އެ ދެބެއިންނާ ގުޅިގެން އުޅުނު ބައެކެވެ. އިނގިރޭސިން ގެނައީވެސް ދިވެހިންނެވެ. އަތިރީގޭ އިބްރާހިމް ދޮށިމޭނާއާއި އޭނާގެ އަހުމަދު ކުޑަދޮށިމޭނާ އިސްވެ ތިބެގެންނެވެ. މިހިރީ ދޮގު ކުރެވެން ނެތް ކަންކަމެވެ.

ދިވެހިރާއްޖެއާ ތޮޅެން އައި ބޭރުގެ އެއްވެސް ބާރަކަށް ދިވެހިންގެ ތެރެއިން ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބި އެކަމުގައި ކާމިޔާބުވެފައެއް ނެތެވެ. އެފަދަ ބައިވެރިވުމަކާއި އެހީތެރިކަން ނުލިބެންޏާ އެނބުރި ދާން ޖެހެނީ ބަލިވެގެންނެވެ. ނާކާމިޔާބުވެގެންނެވެ. އެގޮތަށް ހުސްއަތާ އެނބުރި ދާންޖެހުނު ފަހަރުފަހަރު ވަރަށް ގިނައެވެ. ދިވެހިން އެކަތިގަނޑެއްގެ ގޮތުގައި ސާބިތުވެ ތިބި އެއްވެސް އިރަކު ބޭރުގެ މުސްތައުމިރުންނަށް ކާމިޔާބުވެފައެއް ނެތެވެ. މިކަމުގެ ރިވެތި މިސާލުތައް ބޮޑު ރަސްގެފާނުގެ ދުވަސްވަރާއި އިސްކަންދަރު އެއްވަނައިގެ ދުވަސްވަރާއި ޣިޔާޘުއްދީނު ރަދުންގެ ރަސްކަމުގައި ވަނީ ފެނިފައެވެ.

އެއީ އެދުވަސްވަރެވެ. މާޒީއެވެ. މިހާރު މިދުވަސްވަރުވެސް ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގޮންޖެހުންތައް އެބަހުއްޓެވެ. މުސްތައުމިރުންގެ ކުލަޔާއި ފޭރާން ތަފާތުވިޔަސް އަދި ޒަމާން ބަދަލުވިޔަސް އެމީހުން ބޭނުންކުރާ އުކުޅުތަކުގައި ތަފާތެއް ނެތެވެ. ލޯއެޅުމުގައިވެސް ފަރަގެއް ނެތެވެ. އެންމެ ބޮޑު އުކުޅަކީ ދިވެހިން ބައިބައިކޮށް އަމިއްލަ މިނިވަންކަމާއި ސިޔާދަތުގެ ބޭނުމެއް ނެތްކަން ވިސްނައިދީ ދަލުގައި ޖެއްސުމެވެ. ގައުމީ ކުލުނުގެ ބާރު ނައްތައިލުމެވެ. މި ދަންތުރައިގައި ބައެއް ދިވެހިން ޖެހޭ މަންޒަރު އެބަފެނެއެވެ. ސިޔާސީ ތޮފި އަޅައިގެން ތިބި މީހުންގެ ތެރެއިންނެވެ. އެމީހުންގެ ފަރާތަށް އާރާއިބާރު ފުރޮޅައިލެވެން އޮތީ ބޭރު މީހުންގެ އެހީތެރިކަން ލިބިގެން ކަމަށް ހީވާ މީހުންނެވެ. ގައުމީ މަސްލަހަތަށްވުރެ އަމިއްލަ ވަގުތީ މަސްލަހަތަށް ބުރަވެވޭ މީހުންނެވެ.

ގައުމުގެ ސަރަހައްދެއް ދޫކޮށްލަން ޖެހުނަސް، މިނިވަންކަމަށް ބުރޫއަރައި އެ މިނިވަންކަން ގެއްލުނަސް، އަދި ބޭރު ގައުމެއްގެ ހުކޫމަތުގެ ދަށަށް ދިޔައަސް ފަރުވާލެއް ނެތޭ ހީވާކަހަލަ ސުރުޚީތައް ބައެއް މީހުން އުފައްދާތީ އެބަފެނެއެވެ. އިވެއެވެ. ދިވެހި މަސްކަނޑުތަކުގައި ބޭރުގެ ބާރަކުން ދިވެހި މަސްވެރިން ރަހީނުކޮށް ބިރުދެއްކީމާ އެއީ ބޮޑުކަމަކަށް ނުވެ އެކަންކުރި މީހުން ރުއްސަން ގަދައަޅައި ވަކާލާތުކޮށް ހުއްޖަތު ދެއްކުމަކީ ދެން އެހެން ކޮންކަމެއް ހެއްޔެވެ؟ މިނިވަން މުސްތަގިއްލު ދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ތެރެއިން މީލާދީން 1621 ވަނަ އަހަރުން 1648 އަށް ރަސްކަން ކުރެއްވި ބޮޑު ރަސްގެފާނުގެ ދައުރުގައި ދިވެހިންގެ މިނިވަންކަމާއި ކަރާމާތް އޮތީ ނުހަނު މަތިވެރި ދަރަޖައަކަށް އުފުލިފައެވެ. އެ އުފުލުމެއް އުފުލުނީ ދިފާއަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމުންނެވެ. ކޯއްޓޭތައް ގާއިމުކޮށް ދިފާއީ ބޮޑުފާރު ރޭނުމުންނެވެ. އޭރު ތިބި މީހުން ނުބުނެއެވެ. ބަލަގަ ތިޔައީ ކޮން ސަކަރާތެއް ހެއްޔެވެ. ތިޔަ ފާރު ރޭނުމަށްވުރެ ބިދޭސީން ރުއްސައިގެން އެމީހުންނަށް ތަބާވުން މޮޅުއިތުރުވެގެން ނުވޭހެއްޔެވެ.

ބޮޑުރަސްގެފާނުގެ އަގުހުރި ދަރިކަލުން އިސްކަންދަރު މަހާރަދުން މީލާދީން 1648 ވަނަ އަހަރުން 1687 އަށް ރަސްކަން ކުރެއްވިއިރު ރާއްޖޭގެ ދިފާއަށް ކުރެއްވި ކަންކަން ދެކިފައި އޭރުގެ ދިވެހިން ނުބުނެއެވެ. ބަލަގަ މަހާރަދުންނޭވެ. އެމީހުން ދެން އައިސް ފައިބާނީ މަހާރަދުންގެ ގަނޑުވަރަށެވެ. ބިރުފުޅެއްވެސް ނެތީތޯއެވެ. ޕޯޗުގީޒުންނަށް ދިވެހިރާއްޖެ ހިފުނީ އަލިރަސްގެފާނު ގިނިކަންޏާ ދޫކޮށްފައި އެރަދުންގެ ލަޝްކަރުގެ މީހުން ގޭގެއަށްވަދެ ފިލުމުންނެވެ. އިނގިރޭސިންގެ އަޅުވެތިކަމުގެ ދަށަށް ދާން ޖެހުނީ އާއިލީ ބާރު ދެމެހެއްޓުމަށް ގައުމު ގުރުބާންކުރަން ބަޔަކު ބޭނުންވުމުންނެވެ. މިކަންކަމުން ފިލާވަޅު ލިބިގަނެ ގައުމުގެ މިނިވަންކަން ބީވެ ބޭރުގެ ބާރުތަކަށް ދީލާލުމަށް ވަކާލާތުކުރާ މީހުންގެ ފަރާތުން އަތުވެދާނެ ހަލާކަށް ހޭއަރައި ތިބުމަކީ މިއަދު ހަމަ ކޮންމެ ދިވެއްސަކަށްވެސް ލާޒިމު ކަމެކެވެ.