ޖެނުއަރީ މަހެއްގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި މަހަކަށް މިދިޔަ މަސްވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ އާ ރެކޯޑެއް ހަދައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް 192،385 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ޖެނުއަރީ މަހެއްގައި އެންމެ ގިނަ ފަތުރުވެރިން އައި ފަހަރެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށްވުރެ މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 11.5 ޕަސެންޓް އިތުރެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އައީ 172،499 ފަތުރުވެރިންނެވެ.

އޭގެ ކުރީ އަހަރު 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު 131،765 ފަތުރުވެރިން, 2021 ވަނަ އަހަރު 173,347 ފަތުރުވެރިން ރާއްޖެ އައި އިރު، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އައިސްފައިވަނީ 177،140 ފަތުރުވެރިންނެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،206 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ފަތުރުވެރިން އެވްރެޖްކޮށް 7.9 ދުވަސް ހޭދަކުރި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.