ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވޯޓުލެވޭ ވޯޓުލުމަށް، 13،000 އަށްވުރެ ގިނަ މީހުން ރީ ރަޖިސްޓްރީ ވުމަށް ފޯމު ލާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ކޮމިޝަނުން ރީ ރަޖިސްޓްރީ ވުމަށް ފުރުސަތު ހުޅުވާލުމުން ފާއިތުވު ހަތް ދުވަސް ތެރޭ ރީރަޖިސްޓަރީ ކުރުމަށް 13،378 މީހުން ހުށަހަޅާފައިވާ ކަމަށެވެ.

އޭގެތެރެއިން ރީރަޖިސްޓަރީ ކޮށްދިނީ 11،919 މީހުންނަށް ކަމަށާއި އަދި 1،459 މީހުންގެ ރީ ރަޖިސްޓްރޭޝަން އެ ކޮމިޝަނުން ބަލައިނުގަންނަކަމަށެވެ.

ރާއްޖޭން ބޭރުގައި ވޯޓުލުމަށް ރީރަޖިސްޓަރީ ކުރުމަށް ކަނޑައަޅާފައިވާ އަދަދު ހަމަވެފައި ވަނީ ހަމައެކަނި މެލޭޝިޔާ އާއި ސްރީލަންކާގައެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުގެ ތާރީހެއްގައި ބާއްވަން ޖެހިއްޖެނަމަ، ރީރަޖިސްޓަރީ ކުރުމަށް އިތުރު ފުރުސަތުވެސް އީސީން ދޭނެކަމަށް ހަބީބު ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން އީސީގެ ވެބްސައިޓުންނާއި 1414 އަށް އެސްއެމްއެސް ކޮށްގެން ހޯދޭނެއެވެ.

އީސީން މިހާރު ހަމަޖައްސާފައި ވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމަށެވެ. އެއީ ރަމަޟާން މަހުގެ ހަތްވަނަ ދުވަހެވެ. އެންމެފަހުން ބޭއްވި މަޖިލީހުގެ އިންތިހާބުގައި 20،848 މީހުން ވަނީ ރީ ރަޖިސްޓްރީކޮށްދީފައެވެ.