ކުއްޖަކު ނިޔާވި މައްސަލައެއްގައި ބަދަލު ހޯދުމަށް ދައުލަތުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާއެއް ކުރިއަށް ގެންދެވޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ދައުލަތް ހިމެނޭހެން ހެލްތު މިނިސްޓްރީގެ މައްޗަށް މި ދައުވާ ކޮށްފައި ވަނީ، ޏ. ފުވައްމުލައް ފުނާޑު ނޫރީފެހި ސައުދުﷲ އަހްމަދު ހަސަންދީދީ އާއި މާދަނޑު އެއްގަމިގެ ސަފިއްޔާ އިބްރާހިމް ހަސަނެވެ.

މިއީ ގެއްލުމުގެ ބަދަލު ހޯދުމަށް އެ ފަރާތްތަކުން ހުށަހަޅާފައިވާ ދައުވާއެކެވެ.

މި ދައުވާގައި ބުނަނީ، ޏ. ފުވައްމުލައް ފުނާޑު ނޫރީފެހި ސާދާ ސައުދުﷲ ހަސަން، ވަރަށް ބޮޑަށް ބަނޑުގައި ރިއްސައި ހޮޑުލެވޭތީ އެއްދުވަހުގެ ހެނދުނު 9:15 ގައި ފުވައްމުލައް ހޮސްޕިޓަލުގައި އެޑްމިޓް ކުރި ކަމަށެވެ. ނަމަވެސް އެ ހިސާބުން ފެށިގެން ފުވައްމުލައް ހޮސްޕިޓަލުގެ ނަރުހުންނާއި، ޑޮކްޓަރުންނާއި، އެހެނިހެން މުވައްޒިފުންގެ އިހުމާލުން ހަމަ އެ ދުވަހު އެ ކުއްޖާ ނިޔާވެފައިވާ ކަމަށެެވެ.

އެ ކުއްޖާގެ މައިންބަފައިންގެ ގޮތުން އެ ދެމީހުން ކޯޓަށް ހުށަހަޅާފައި ވަނީ، މިކަމާ ގުޅިގެން އެ ކުއްޖާގެ މައިންބަފައިންނަށް ލިބިފައިވާ، ލިބެމުންދާ އަދި ލިބޭނެ މާލީ އަދި ނަފްސާނީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

މި މައްސަލައިގައި ސިވިލް ކޯޓުގެ އިސްގާސީ މަރިޔަމް ވަހީދު އިއްވެވި ހުކުމުގައި ވަނީ، ދައުލަތުގެ މައްޗަށް މި ދައުވާ އުފުލުމުން، ދައުވާ ފޯމާއި، އެ ފޯމާއެކު ފޮނުވަންޖެހޭ ލިޔުންތައް ދިވެހި ދައުލަތަށް ފޮނުއްވި ކަމަށެވެ. ނަމަވެސް ދައުވާއަށް ރައްދު ދިނުމުގެ ބަދަލުގައި، ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން ހުށަހެެޅުމަށްފަހު، ކޯޓުގެ އިހްސާސްއާ މެދު ސުވާލު އުފައްދައި ދައުލަތުން ހުށަހެޅީ ކޯޓުގެ އިހްތިސާސާ މެދު އިއުތިރާޒްކުރާ ފޯމު ކަމަށްވެސް ވެއެވެ.

ކޯޓުގެ އިހްތިސާސާ މެދު ދައުލަތުން ސުވާލު އުފެއްދި ދެ ޕޮއިންޓަށް ރައްދު ދެއްވުމަށްފަހު، އެ ހުކުގައި އިސްގާޒީ ވިދާޅުވެފައި ވަނީ، މަދަނީ އިޖުރާއަަތުގެ ގާނޫނުގެ ދަށުން ދައުވާ ލިބޭ ފަރާތްތަކަށް، ކޯޓުގެ އިހްތިސާސާ މެދު އިއުތިރާޒުކޮށް މައްސަަލަ ހުށަހެޅުމުގެ ހައްގު ލިބިދީފައިވީ ނަމަވެސް މި ހައްގަކީ އެއްވެސް ހުދޫދެއް ނެތް ގޮތަށް ބޭނުންކުރުމަށް ދޫކޮށްފައިވާ ހައްގެއް ނޫން ކަމަށެވެ.

ދައުވާ ލިބޭ ފަރާތަށް ލިބިފައިވާ މި ހައްގު ބޭނުން ކުރުމުގައި މަދަނީ އިޖުރާއަތުގެ ގާނޫނުގެ އާއްމު މަގުސަދާއި، އެންމެ އަސާސީ މަގުސަދުތަކަށް އަދި ޝަރީއަތުގެ ހުރިހާ މަރުހަލާއެއްގައިވެސް މައްސަލައިގެ ހަސްމުން އަމަލު ކުރަންވާނީ، ހެޔޮ ނިޔަތުގައި ކަމުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ތަރަހައިގެ ތެރެއިން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެގޮތުން އެއްވެސް އަސާސެއް ނެތް ބޭކާރު އިޖުރާއީ ކަންކަން ފާހަގަކޮށް، ގާނޫނީ އެއްވެސް ބުރަދަން ނެތް ކަންކަން ނަގައި މައްސަލަ ލަސްކުރުމުގެ ބޭނުމުގައި ކޯޓުގެ އިހްތިސާސާ މެދު ސުވާލު އުފެއްދުމަކީ މަދަނީ އިޖުރާއަތުގެ ގާނޫނު ތަސައްވުރު ކޮށްފައި އޮތް ގޮތެއް ނޫން ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ހާއްސަކޮށް އާއްމު ރައްޔިތަކާއި ހިލާފަށް މަދަނީ އިޖުރާއަތުގެ ގާނޫނުގެ އަސާސްތައް ނެގެހެއްޓުމުގެ ޒިންމާ ދައުލަތުގެ މައްޗަށް ބޮޑުވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެހެންކަމުން އެ ދައުވާ ބަލައި ކުރިއަށް ގެންދިއުމުގެ އިހުތިސާސް ކޯޓަށް ލިބިގެންވާ ކަމަށް ކަނޑައަޅައި މަދަނީ އިޖުރާއަތުގެ ގާނޫނުގެ އާއްމު މަގުސަދާއި އެ ގާނޫނުގެ އެންމެ އަސާސީ މަގުސަދުތަކަށް، އަދި ޝަރީއަތުގެ ހުރިހާ މަރުހަލާއެއްގައިވެސް އެ މައްސަލައިގެ ހަސްމުން އަމަލު ކުރަންވާނީ ހެޔޮ ނިޔަތުގައި ކަމަށް ބަޔާންކޮށްފައިވާ އުސޫލުތައް ނެގެހެއްޓުމަށް ދައުލަތަށް ނަސޭހަތްތެރިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.